ޔުރުގުއާއީގެ ތާރީހު ނުދެކޭ ވަރުގެ ވަރުގަދަ ރެއިޑްއެއްގައި، 4.4 ޓަނުގެ ކޮކެއިން އަތުލައިގެންފިއެވެ.

ޔުރުގުއާއީގެ މޮންޓެވިޑޭއޯ ބަނދުގައި އެގައުމުގެ ކަސްޓަމްސް އޮފިސަރުންނާ ކަނޑުގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންއެއްގައި މަސްތުވާތަކެތި އަތުލައިގެންފައިވަނީ، ޓޯގޯގެ ވެރިރަށަށް ފޮނުވަން ތައްޔާރުކޮށްފައި ހުރި ސޯއީ ދުށް ކޮންޓޭނަރުތަކެއްގައި ރައްކާކޮށްފައި ހުއްޓާކަމަށް މައުލޫމާތު ލިބެއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ފުށް ކޮންޓޭނަރުތަކުގެ ތެރެއިން ނަގާފައިވާ މަސްތުވާތަކެތީގެ ބާޒާރުމަތީ އަގު އުޅެނީ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގައެވެ.

ޔުރުގުއާއީއަކީ ލެޓިން އެމެރިކާ ސަރަހައްދު ހުރަސްކޮށް އެފްރިކާއާއި ވިލާތުގެ ގައުމުތަކަށް މަސްތުވާތަކެތި ސަޕްލައި ކުރުމަށް ބޭނުން ކުރާ މައިގަނޑު ޓްރާންސިޓްއެކެވެ.

އެންމެ ފަހުން އެގައުމުން މިއާ ގާތްކުރާ އަދަދަކަށްވެސް މަސްތުވާތަކެތި ފެނިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން ނޮވެމްބަރު މަހުވެސް މޮންޓެވިޑޭއޯ ބަނދަރުން 3 ޓަނުގެ ކޮކެއިން ވަނީ އަތުލައިގެންފައެވެ.

ބައިނަލްއަގުވާމީ ފެންވަރެއްގައި ބަލާއިރު މިއަހަރަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ އަދި ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގުނު އަހަރެކެވެ. އެގޮތުން މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ހަމަ ޔުރުގުއާއިން ބެލްޖިއަމްއަށް ގެންދަން އުޅުނު 4 ޓަނުގެ ކޮކެއިން އަތުލައިގެންފައިވާއިރު، އެފަހަރުވެސް މިތަކެތި ގެންދަން އުޅުނީ ސޯއީ ބީންސްގެ ގޮތުގައެވެ. މި ތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 1.1 ބިލިއަން ޑޮލަރު ކަމަށްވާއިރު، ޖޫން މަހު އޮސްޓްރޭލިއާއިންވަނީ 1.6 ޓަނުގެ ކްރިސްޓަލް މެތް ޝިޕްމަންޓްއެއް އަތުލައިގެންފައެވެ. އެއީ މަގުމަތީ އަގަށް ބަލާއިރު ގާތްގަނޑަކަށް 1.2 ބިލިއަން އޮސްޓްރޭލިއާ ޑޮލަރުގެ މަސްތުވާތަކެއްޗެވެ. މީގެ އިތުރުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ގާތްގަނޑކަށް 1.3 ޓަނުގެ ހެރޮއިއިން ޝިޕްމަންޓްއެއް އިނގިރޭސިވިލާތުން ވަނީ އަތުލައިގެންފައެވެ. މަގުމަތީ އަގު 155 މިލިއަން ޑޮލަރުގައި އުޅޭނެ ކަމަށް ބެލެވުނު މި ޝިޕްމަންޓް ފޮރުވާފައި ހުރީ ތުވާއްޔާ ބާތްރޯބްސް ކޮންޓޭނަރެއްގެ ތެރޭގައެވެ.