ސޯމާލިއާގެ ވެރިރަށް މޮގާދިޝޫގައި އެންމެ ކާރޫބާރޫ ބޮޑު ވަގުތާ ދިމާކޮށް ދިން ކާރު ބޮމުގެ ހަމަލާއެއްގައި 30 މީހުން މަރުވެއްޖެއެވެ.

މި ބޮން ގޮއްވާލާފައިވަނީ ދަތުރުފަތުރުގެ ހަރަކާތްތައް ފުދޭ ވަރަކަށް ގިނައިން ހިނގަމުންދިޔަ ހަތަރު އަނގޮޅިއެއްގައި އަޅާފައިވާ ޗެކްޕޯސްޓްއެއްގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ބައެއް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު 90 އަށް އަރައެވެ. ނަމަވެސް އެއީ އަދި ކަށަވަރު ކުރެވިފައި ނުވާ މައުލޫމާތަކަށް ވާއިރު، މަންޒަރު ދުށް މީހުން ބުނި ގޮތުގައި، ހަމަލާއާއިއެކު މުޅި ސަރަހައްދުގެ އެކި ހިސާބުތަކުން ފެންނަމުންދަނީ އިންސާނުންގެ ހަށިގަނޑުތަކެވެ.

އަލް-ޝަބާބްގެ ނަމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް އޮންނަ ސޮމާލިއާގައި މިއަދު ދިން ބޮމުގެ ހަމަލާގެ ޒިންމާ އަދި އެއްވެސް ގުރޫޕަކުން އުފުލާފައެއް ނުވެއެވެ. ފާއިތުވީ 10 އަހަރެއްހާ ދުވަހު ސޯމާލިއާގައި ނުރައްކާތެރި ހަމަލާތަކެއް ދެމުންދިޔަ އަލް-ޝަބާބް ޖަމާއަތަކީ ދުނިޔެ ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތްތަކުގެ ތެރޭގައި ގުނާލެވޭ އަލް-ގައިދާއާއި ގުޅުން އޮންނަ ޖަމާއަތެކެވެ. ވެރިރަށް މޮގަދިޝޫއިން 2011 ވަނަ އަހަރު އަލް-ޝަބާބް ހަނގުރާމަވެރިންގެ ބާރު ކަނޑުވާލެވިފައި ވީ ނަމަވެސް، ސޯމާލިއާގެ އެކި ހިސާބުތަކުގައި އަދިވެސް އެ ޖަމާއަތުގެ ކޮންޓްރޯލް އޮވެއެވެ.