މިޔަންމާގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ މެދު އެ ގައުމުން އުފައްދަމުންދާ ނަސްލީ ނަފްރަތު އުފެއްދުން ހުއްޓާލުމަށް އދގެ 134 މެމްބަރު ގައުމަކުން މިޔަންމާއަށް ގޮވާލައިފިއެވެ.
އދގެ މެމްބަރު ގައުމުތަކުން މިކަމަށް ގޮވާލާފައިވަނީ، މިޔަންމާގައި ތިބި ރޯހިންޏާ މުސްލިމުންނާ އެނޫންވެސް ބައިމަދު އާބާދުތަކުގެ މީހުންނާ ދެކޮޅަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް، ފާސްކުރި ގަރާރެއްގައެވެ.
134 މެމްބަރު ގައުމުން ވޯޓުދީގެން ފާސްކުރި މި ގަރާރުގައި، ރޯހިންނާ މުސްލިމުންނާ އެނޫންވެސް ބައިމަދު އާބާދުތަކުގެ މީހުން ޝަރުއީ އިމުން ބޭރުން ހައްޔަރުކުރުމާ، ލާއިންސާނީ އަނިޔާ ދިނުމާ، ރޭޕްކުރުމާ، ހައްޔަރުގައި ބައިތިއްބައިގެން މަރާލުން ފަދަ ޖަރީމާތައް މިޔަންމާގައި ހިންގާކަން ފާހަގަކޮށް، އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.
މީގެ އިތުރުން ޝާން، ކަޗީން އަދި ރާހީން ސްޓޭޓްގައި ދިރިއުޅެމުންދާ ރޯހިންޏާ މުސްލިމުންނާ އެނޫންވެސް ބައިމަދު އާބާދުތަކުގެ މީހުންނާ މެދު ނަފްރަތު އުފެއްދުމަށް މިޔަންމާއިން ހިންގަމުންދާ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށްވެސް މެމްބަރު ގައުމުތަކުން ވަނީ ގޮވާލާފައެވެ.
193 މެމްބަރުންގެ މައްޗަށް އެކުލެވޭ އދގެ 134 މެމްބަރު ގައުމަކުން މިގަރާރާ އެއްކޮޅަށް ވޯޓުދިން އިރު 9 ގައުމަކުން ވޯޓުދިނީ ގަރާރާ ދެކޮޅަށެވެ. އަދި 28 ގައުމަކުން ވޯޓުގައި ބައިވެރިވެފައެއްވެސް ނުވެއެވެ.
ރޯހިންޏާ މުސްލިމުންގެ ހާލަކީ ކޮބާ؟
ބުސްދިޓުންނަށް މެޖޯރިޓީ އޮންނަ މިޔަންމާއިން ބުނާ ގޮތުގައި ރޯހިންޏާ ދަރިކޮޅުގެ މީހުންނަކީ 'ބަންގާޅުން'ނެވެ. އެ ދަރިކޮޅުގެ އެތައް ޖީލެއް، އެތައް އަހަރެއް ވަންދެން މިޔަންމާގައި ދިރިއުޅުނުކަމުގައި ވީ ނަމަވެސް، ރޯހިންޏާ މުސްލިމުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ ބައެއް ކަމަށް މިޔަންމާއިން އަދިވެސް ވަކާލާތު ކުރެއެވެ.
1982 ވަނަ އަހަރުން ފެށިގެން ރޯހިންޏާ ދަރިކޮޅުގެ އެއްވެސް މުސްލިމަކަށް މިޔަންމާއިން ރަށްވެހިކަން ދީފައި ނުވާއިރު، މިއަދު އެމީހުންނަކީ ދުނިޔޭގެ އެއްވެސް ގައުމަކަށް ނުވަތަ ދައުލަތަކަށް ނިސްބަތްވާ ބައެއް ނޫނެވެ. މިއާއެކު މިނިވަންކަމާއެކު ހަރަކާތްތެރިވެ އުޅުމާ، އަސާސީ އިންސާނީ ހައްގުތަކަކުންވެސް އެމީހުންވަނީ މަހްރޫމުކުރެވިފައެވެ.
އެތަށް އަހަރަކަށް ދެމިގެން ގޮސްފައިވާ ރޯހިންޏާ 'ރެފިއުޖީން'ގެ މައްސަލައަށް ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓުނީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 25 ވަނަ ދުވަހު، މިޔަންމާގެ އަސްކަރިއްޔާއިން ފެށި ހާއްސަ އޮޕަރޭޝަންއަކާއެކުގައެވެ. ރޯހިންޏާ ދަރިކޮޅަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތަކުން ދިން ކަމަށް ބުނާ ހަމަލާއަކާ ގުޅިގެން ރާހީން ސްޓޭޓުން ރޯހިންޏާގެ 'ވަސްފޮހެލުމަށް' މިޔަންމާގެ އަސްކަރިއްޔާއިން ފެށި ލާއިންސާނީ ގަތުލުއާންމާއި އެކުގައެވެ.
މިއާއެކު އެތައް ސަތޭކަ ހާސް ބަޔަކު މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް ދިޔައެވެ. ކަންމިހެން އޮތްއިރު، ބަންގްލަދޭޝްއިން ރޯހިންޏާ މުސްލިމުން ދެކެނީ، އަދި އެބައި މީހުންނާ މެދު އަމަލުކުރަނީވެސް މިޔަންމާއިން ހިޖުރަކުރި ރެފިއުޖީންގެ ގޮތުގައެވެ. ރޯހިންޏާ ދަރިކޮޅަށް ނިސްބަތްވާ 1.1 މިލިއަން ރެފިއުޖީން މިވަގުތުވެސް ބަންގްލަދޭޝްގައި އެބަތިބިކަމަށް ރެކޯޑްތަކުން ދައްކައެވެ.
ފާސްކުރި ގަރާރު ބާއްވާ. ދެން ބަންގާޅު ދަރިކޮޅު މީހުންގެ މުސީބާތެއް ކުރިމަތިވާނީ ދިވެހީންނާ. އިހަކަށް ދުވަހު ބަންގާޅީ އެއް ދިވެހި ސިފައިންގެ މައިމަރުކަޒުގެ ފުލަށް ލޮރީއެއްގެ ވަދެ ދިވެިހި ސިފައިންނާއި މަރާމާރީ ހިންގާ ދިވެހި ސިފައިން ވަކަރަށް ޖަހައިފި. ބަންގާޅައިންނާއި ހެދީ މާލޭގެ އާއްމު ޕާކްތައް ބޭނުން ކުރުން ދިވެހީން ހުއްޓާލައިފި.
ފާސްކުރި ގަރާރު ބާއްވާ. ދެން ބަންގާޅު ދަރިކޮޅު މީހުންގެ މުސީބާތެއް ކުރިމަތިވާނީ ދިވެހީންނާ. އިހަކަށް ދުވަހު ބަންގާޅީ އެއް ދިވެހި ސިފައިންގެ މައިމަރުކަޒުގެ ފުލަށް ލޮރީއެއްގެ ވަދެ ދިވެިހި ސިފައިންނާއި މަރާމާރީ ހިންގާ ދިވެހި ސިފައިން ވަކަރަށް ޖަހައިފި. ބަންގާޅައިންނާއި ހެދީ މާލޭގެ އާއްމު ޕާކްތައް ބޭނުން ކުރުން ދިވެހީން ހުއްޓާލައިފި.