މާލެެއަށް ދިމާވެފައިވާ ކުލީގެ މައްސަލައަށް ހައްލު ލިބޭނީ، މާލޭ ސަރަހައްދުގެ ގެދޮރަށް އޮތް ޑިމާންޑް ދައްކޮށްގެން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިގޮތަށް ވިދާޅުވެފައިވަނީ މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފައި ވަނިކޮށެވެ. އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ކުލީގެ މައްސަލަަ ހައްލުވާނީ މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާވުން ކުޑަކުރުމުން ކަމަށެވެ.

"މާލޭގެ ގެދޮރަށް އޮތް ޑިމާންޑު ދައްވާނޭ ގޮތް ހެދުމުން، މާލެއަށް ތޮއްޖެހުން އިތުުރުވާނެ ޕްރޮޖެކްޓް ތައް އެހެން ސަރަހައްދަކަށް ގެންދިޔުމުން، މާލެ ފުރި ބަންޑުން ވެެއްޖެ ކަމަށް ގަބޫލުކުރުމުން،"
އަލީ ހުސެއިން

އެމްޓީޔޫ އިން އިއްޔެ ހަވީރު ވަނީ ޕެޓިޝަންގައި ސޮއި ކުރުމުގެ ކަންކަން ކާނިވާ ސަރަހައްްދުގައި ކުރިއަށް ގެންގޮސްފައެވެ.

ޓެނެންޓްސް ޔުނިއަންއަކީ ކުއްޔަށް ދިރިއުޅެމުން އަންނަ މީހުންނަށް ދިމާވާ އުނދަގޫތައް ހިއްސާކުރުމަށާއި ކުއްޔަށް ދިރިއުޅޭ މީހުންނަށް ރަސްމީ ސިފައެއް ހައްލު ހޯދައި ދިނުމަށް، މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އުފައްދާފައިވާ ޖަމިއްޔާއެކެވެ.

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވެސް ވަނީ މާލޭގެ ކުލީގެ މައްސަލައާ ގުޅިގެން ޓްވީޓް ކުރައްވާފައެވެ. އޭނާ ވިދާޅުވީ މާލޭގެ ކުލީގެ މައްސަލަައަށް އޮތް ހައްލަކީ އިތުރު ގާނޫނުތަކެއް އައުން ނޫން ކަމަށާއި އެކަމަށް އޮތް ހައްލަކީ އިތުރު ހައުސިން ބާޒާރަށް ނެރުން ކަމަށެވެ.

"ކުއްޔަށް ދާއިމީ ހައްލު ލިބޭނީ އިތުރު ހައުސިން ބާޒާރަށް ނެރެގެން، ގެދޮރުވެރި ކުރުވައިގެން، އާންމުދަނީ ލިބޭނެ ގޮތް، ކުއަލިޓީ ތައުލީމު، ވަޒީފާ، ރަނގަޅު ދިރިއުޅުން ލިބިގެން، ނޫނީ ރަށަށް އަނބުރާ ނުދާނެ،" މަލީހު ވިދާޅުވެފައިވެއެވެ.