ނިމިގެން މިދާ ޑިސެމްބަރު ނެޓްފްލިކްސްއިން ތައާރަފުކުރި މަޝްހޫރު ޓީވީ ޝޯ "ދަ ވިޗާ"ގެ ސީންއެއް ކުޅުމަށްޓަކައި ފެން ފޮދެއްވެސް ނުބޮއި 3 ދުވަސް ހޭދަކޮށްފައިވާނެ ކަމަށް އެ ސީރީޒް މުހިންމު ކެރެކްޓާއަކުން ފެނިގެންދާ އިނގިރޭސި އެކްޓާ ހެންރީ ކެވްލް ބުނެފިއެވެ.

އުމުރުން 36 އަހަރުގެ ބަތޮލާ ބުނި ގޮތުގައި އެ ގޮތަށް އެކަން ކުރަންޖެހުނީ ސީރީޒްގައި ހުސްގަޔާ ކުޅެންޖެހޭ މަންޒަރުތަކެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުޅުމަށްޓަކައެވެ. އެގޮތުން އެއީ، ހަށިގަނޑުން ފެން މަދުކޮށް، މަސްތަކުގެ ފުރިހަމަކަން އިތުރަށް ދައްކާލުމަށް ކުރި ކަމެއް ކަމަށްވެސް އޭނާ ވަނީ ތަފްސީލުކޮށްދީފައެވެ.

ހުސްގަޔާ ނަގަންޖެހޭ ސީންތައް ނެގުމަށްޓަކައި 3 ދުވަސް ވަންދެން ފެން ފޮދެއްވެސް ނުބޮއި ހުރި ތަޖުރިބާ ކިޔައިދެމުން ހެންރީ ކެވްލް ބުނީ ޑައެޓް ކުރުމަކީ އެކްޓްކުރުމުގައި އޮތް އެންމެ އުނދަގޫ ކަންތައްކަމަށާ، އޭގެ އިތުރަށް ފެން ފޮދެއް ހާ ހިސާބުވެސް ނުބޮއި 3 ދުވަސް ހޭދަކުރަންޖެހުމުން ފަހު ދުވަހާ ހިސާބަށް އާދެވުނުއިރު ފެންބޮވައިގެންފައި ހުރި ވަރުން، ފެނުގެ ވަސްވެސް ދުވާ ހިސާބަށް ކަންތައްތައް ގޯސްވި ކަމަށެވެ.

ހެންރީ ކެވްލް ބުނީ މިފަދަ މަސައްކަތްތައް ކުރާއިރު އެންމެ މުހިންމީ ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރުން ކަމަށާ، މިފަދަ 'ބޯގޯސް' ކަންކަން ކުރަން ކުރިމަތިލާއިރު، އެންމެ ފިޓްކޮށް ހުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

'ދަ ވިޗާ'ގެ މަންޒަރުތައް ނެގުމާ ބެހޭ ގޮތުން ވާހަކަދައްކަމުން ހެންރީ ކެވްލް ބުނީ، މަންޒަރުތައް ޝޫޓްކުރަން ކައިރިވާ ވަރަކަށް ޕުޝަޕްވެސް ހަދަން ޖެހޭ ކަމަށެވެ. އަދި އެ ކެރެކްޓާގައި އޭނާ ބޭނުންކުރަންޖެހެނީ ރީނދޫ ކުލައިގެ ލެންސްއެއް ކަމަށާ، ގިނަ ފަހަރަށް އެ ލެންސްއިން އެއްޗެއްވެސް ސާފުކޮށް ނުފެންނަ ކަމަށް އޭނާ ވަނީ ކިޔައިދީފައެވެ.

'ދަ ވިޗާ'ގެ ފުރަތަމަ ސީޒަން މިމަހުގެ 20 ވަނަ ދުވަހު ރިލީޒްކޮށްފައިވާއިރު، މިއީ 8 އެޕިސޯޑްގެ މައްޗަށް ބަހާލާފައިވާ ސީރީޒްއެކެވެ.