'އެނބުރިއައުމު'ގެ މުޒާހަރާތަކެއްގެ ގޮތުގައި މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ގައްޒާއިން ފެށި ސިލްސިލާ މުޒާހަރާތައް މަޑުޖައްސާލަން ނިންމާފައި ވާކަމަށް އެ މުޒާހަރާތައް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފިއެވެ.

ގައްޒާގެ ސިޔާސީ ފެކްޝަންތަކާ މަދަނީ ޖަމާއަތްތައް ގުޅިގެން އެކުލަވާލި ދަ ހަޔާ ނޭޝަނަލް ކޮމިޓީން ބުނީ އިސްރާއީލާ ދެކޮޅަށް ސަރަހައްދީ އިމުގައި ކޮންމެ ހުކުރު ދުވަހަކު ކުރިއަށް ގެންދިޔަ މުޒާހަރާތައް ދެން ކުރިއަށް ގެންދާނީ މަހަކު 1 ފަހަރު ކަމަށެވެ. މީގެ އިތުރުން 'ޤައުމީ' މުނާސަބަތުތަކުގައިވެސް މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށްވެސް ހަޔާ ނޭޝަނަލް ކޮމިޓީން ވަނީ ބުނެފައެވެ. ކަންމިހެން އޮތް ނަމަވެސް، މިއަދުގެ މުޒާހަރާތައް ކުރިންވެސް ރޭވިފައި އޮތް ގޮތަށް ކުރިއަށް ގެންދާނެ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.

'ގްރޭޓް މާޗް އޮފް ރިޓާން'ގެ ނަމުގައި ގައްޒާއިން އިސްރާއީލާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާތާ މިހާރު ވިއްސަކަށް މަސްދުވަސް ވެއްޖެއެވެ. މި މުޒާހަރާތަކުގެ މަގުސަދަކަށްވީ ގައްޒާގެ އާންމު ރަށްވެހިން ދިރިއުޅެމުންދާ ދަތި ހާލު، އެހެން މީހުންގެ ސަމާލުކަމަށް ގެނެސްދިނުމެވެ. އަދި އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އުފަން ފަސްގަނޑަށް ފަލަސްތީނުގެ ރައްޔިތުން އަނބުރާ ބަދަލު ވުމުގެ ހައްގަށް ވަކާލާތު ކުރުމަކީވެސް މިމުޒާހަރާތަކުގެ މަގުސަދެކެވެ.

އިސްރާއީލާ ދެކޮޅަށް ގައްޒާގައި ކުރާ ސިލްސިލާ މުޒާހަރާގެ ތެރެއިން/ފޮޓޯ: އިބްރާހީމް އަބޫ މުސްތޮފާ

އިސްރާއީލުގެ އަޅުވެތިކަމާ، ފަލަސްތީނުގެ މައި ސަރުކާރުގެ ފިއްތުންތަކާއެކު ގައްޒާގައި ދިރިއުޅެމުންދާ 2 މިލިއަނެއްހާ މީހުންނަކީ ރެފިއުޖީންނެވެ. ނުވަތަ ރެފިއުޖީންނަށް އުފަން ރެފިއުޖީ ދަރިންނެވެ. އިސްރާއީލުން ބުނާ ގޮތުގައި ގައްޒާގެ ރަށްވެހިންނަށް އެމީހުންގެ އަމިއްލަ ވަޒަނަކަށް ނުދެވޭނެއެވެ.

މިމުޒާހަރާތަކާ ގުޅިގެން އިސްރާއީލާ ގައްޒާއާ ދެމެދު ބަދަލުކުރި އެކި ހަމަލާތަކުގައި ފަލަސްތީނުގެ 215 މީހަކު ޝަހީދުކޮށްލާފައި ވާއިރު، އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 47 ކުދިންވެސް ހިމެނެއެވެ.