ކަޒަގިސްތާނުގެ އަލްމާތީ އެއާޕޯޓުން 100 މީހުންނާއެކު އުދުއްސާލި މަތިންދާބޯޓެއް އެ އެއާޕޯޓްއާ ދާދި ކައިރިއަށް ވެއްޓިފައި ވާކަމަށް އެގައުމުގެ އޮފިޝަލުން ހާމަކުރައްވައިފިއެވެ.

ވެއްޓިފައިވަނީ ބެކް އެއާގެ މަތިންދާ ބޯޓެއް ކަމަށާ، މި ބޯޓު ވެއްޓުނީ މިއަދު ހެނދުނު އަލްމާތީ އެއާޕޯޓުން އުދުއްސާލިތާ މާ ގިނައިރުތަކެއް ނުވަނީސްކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

މިހާތަނަށް ލިބިފައިވާ ބައެއް މައުލޫމާތަށް ބަލާއިރު މިހާދިސާގައި 7 މީހަކު މަރުވިކަން ވަނީ ކަށަވަރު ކުރެވިފައެވެ. ނަމަވެސް ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވި ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ކަޒަގިސްތާނުގެ އަލްމާތީ އެއާޕޯޓުން އުދުއްސާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވެއްޓުނު ބެކް އެއާގެ މަތިންދާބޯޓު/ފޮޓޯ: އައްޒާތީގު ރޫޙީ

މިއަދު ހެނދުނު ވެއްޓުނު މަތިންދާ ބޯޓަކީ ކަޒަގިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އަލްމާތީއިން ފުރައިގެން އެގައުމުގެ ވެރިރަށް ނޫރުސުލްތޯންއަށް ދަތުރުކުރަމުން ދިޔަ މަތިންދާބޯޓެކެވެ.

އަލްމާތީ އެއާޕޯޓުން މައުލޫމާތު ދޭ ގޮތުގައި ބޯޓު ވެއްޓުނުއިރު އޭގައި ތިބީ 95 ފަސެންޖަރުންނާ 5 ކުރޫއިންނެވެ.

ޚަބަރު ލިބޭ ގޮތުގައި ހާދިސާ ހިނގާފައިވަނީ ބޯޓު އުފުލަންޖެހޭ ވަރަށް ނުއުފުލި، ކޮންކްރީޓް ބެރިއެއްގައި ޖެހިގެންނެއެވެ. އަދި އޭގެ ފަހުން ބޯޓު ވެއްޓުނީ 2 ފަންގިލާއަށް ހުރި އިމާރާތެއްގައި ޖެހި އެ އިމާރާތުގެ ތެރެއަށް ކަމަށްވެސް މައުލޫމާތު ލިބެއެވެ.