ހަމާސް ޖަމާއަތުން ކޮންޓްރޯލް ކުރަމުން އަންނަ ފަލަސްތީނުގެ ގައްޒާއަށް އަމާޒުކޮށް އިސްރާއީލުގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫގެ ލީކުޑް ޕާޓީގެ ޕްރައިމަރީއާއި ދިމާކޮށް ރެލީއެއް ކުރިއަށްދިޔަ ވަގުތެއްގައި އިސްރާއީލުގެ މިސައިލް ޑޯމް ސިސްޓަމުން އެލާމް އަޅަން ފެށުމާއެކު ނަތަންޔާހޫގެ ކެމްޕޭން ހަރަކާތްތައް ކުރުކޮށްލިއިރު، މި އެލާމް އަލާމް އަޅާފައިވާ ގައްޒާއިން ދިން ހަމަލާއެއްގެ ސަބަބުން ކަމަށާ، އިސްރާއީލު އަސްކަރިއްޔާއިން ގައްޒާއަށް އަލުން ހަމަލާ ދޭން ފަށާފައިވަނީ މި ހަމަލާގެ ރައްދުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިސްރާއީލު އަސްކަރިއްޔާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ހަމާސް ޖަމާއަތުގެ 'ހަނގުރާމަވެރި ޓެރަރިސްޓުން' ތިބި ސަރަހައްދުތަކަށް އަމާޒުކޮށް އިސްރާއީލުން ގައްޒާއަށް ވައިގެ މަގުން ހަމަލާދޭން ފަށާފައިވާކަމަށެވެ.

2008 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ވަނީ ހަމާސް ޖަމާއަތަށް އަމާޒުކޮށް ކަމަށް ބުނެ ގައްޒާއާއި ދެކޮޅަށް 3 ހަނގުރާމައެއް ކޮށްފައެވެ. އިސްރާއީލުގެ 10 އަހަރުވީ އަޅުވެތި ކަމުގައި ގައްޒާގައި 2 މިލިއަނެއްހާ ފަލަސްތީނު ރައްޔިތުން ދިރިއުޅެމުންދާއިރު، އެއީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަލުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ދާދިފަހުންވެސް އިސްރާއީލުން ގައްޒާއަށް ހަމަލާތަކެއް ދީފައިވާއިރު، އެފަހަރުގެ ހަމަލާ އަމާޒުވީ ގައްޒާގައި ދިރިއުޅެމުންދިޔަ އާއިލާއަކަށެވެ. އެއާއިލާގެ 9 މެމްބަރުން އެ ހަމަލާގައި ޝަހީދުވެދިޔައިރު، އެ ގެއަށް ހަމަލާ އަމާޒުވީ އިސްރައީލު އަސްކަރިއްޔާއަށް ހެދުނު ގޯހަކުން ކަމަށް އިސްރާއީލުން އިއުތިރާފުވީވެސް މި ހަފުތާ ތެރޭގައެވެ.