ކޭތަ ހިފުމުން ދުނިޔެއަށް ވެރިވާ އަނދިރިކަން ހަނދާން ކޮށްދެނީ ކަށްވަޅުގެ އަނދިރިކަން ކަމަށް މިއަދު ކުރި ކޭތަ ނަމާދުގެ ހުތުބާގައި ބުނެފިއެވެ.

ކޭތަ ނަމާދުގެ ހިތުބާގައި ބުނީ ކޭތައަކީ ހަމައެކަނި ގުދުރަތީ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށާއި، އެކަމާ މެދު ޝަރުޢީ ނަޒަރަކުން ވިސްނުމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

އަދި ކުށްފާފަ ކުރުމާއި އުރެދުންތަކަށް އަރައިގަންނަ މީހުން ގިނަ ވުމަކީ ކޭތަ ހިފުމުގެ ސަބަބެއް ކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން، ކޭތަ ހިފަނީ ވަކި މީހަކު މަރުވެގެން ނުވަތަ ވަކި މީހަކު އުފަން ވެގެން ނޫން ކަމަށާއި، ކޭތަ ހިފުމަކީ މާތްﷲ އިރަށާއި ހަނދަށް މިންވަރު ކުރައްވާފައިވާ ދައުރުވުންތަކުގެ ސަބަބުން ހިނގާ ކަމެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ﷲ އަށް ބިރުވެތިވެ ތައުބާ ވުމަށާއި، ކުށްފާފަ ފުއްސަވައި ދެއްވުމަށް އެދި ދުއާ ކުރުމަށް ވެސް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާފައެވެ.

މިއަދު ހެނދުނު 8:50 ގައި ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކޮށްފައި ވާއިރު، ކޭތަ ނަމާދުގެ ހުތުބާގައި ބުނެފައި ވަނީ ކޭތަ ހިފަނީ ހަމައެކަނި ގުދުރަތީ ސަބަބުތަކާ ހެދިގެން ނޫން ކަމަށެވެ. މިކަމުގެ ސަބަބެއްގެ ގޮތުގައި މީސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވަމުގެ ސަބަބުން ވެސް ކޭތަ ހިފާ ކަމަށް ކީރިތި ރަސޫލާގެ ބަސްފަޅުތަކުން ދޭހަވާ ކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.