ތައިލޭންޑްގެ ފަރުބަދަމަތީ ސަރަހައްދުގައި ކާބޯތަކެތި ހޯދަމުންދިޔަ މުސްލިމު 3ފިރިހެނެއްގެ ގަޔަށް ބަޑިޖަހާ މަރާލި ޒިންމާދާރުކަން ކުޑަ އަމަލު ހިންގި ސިފައިންގެ މައްޗަށް، ގަސްތުގައި މީހުން މެރިކަމުގެ ކުށުގެ ދައުވާ އުފުލައިފިއެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ތައިލޭންޑްގައި މިފަދަ ގޮތަކަށް ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.

ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ހާދިސާއާއި މެދު ހިތާމަ ކުރާކަން ހާމަކޮށް ތައިލޭންޑްގެ އަސްކަރިއްޔާއިން ބުނީ އެ ހާދިސާ ހިނގާފައިވަނީ ކޮންބައެއްކަން ވަކި ކުރުމުގައި އެރި އޮޅުންތަކެއްގައި ކަމަށެވެ.

ބުދިސްޓް މެޖޯރިޓީ އޮންނަ ތައިލޭންޑްގެ ދެކުނުގެ ހިސާބުތަކުގައި ދިރިއުޅޭ މެލޭ ދަރިކޮޅުގެ މުސްލިމުންނާ ދެމެދު އެގައުމުގައި ހަމަނުޖެހުންތައް ހިންގަމުންދާތާ 15 ވަރަކަށް އަހަރު ވެފައިވާއިރު، 2 ފަރާތުންވެސް 7000އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީވެސް އާންމުންނެވެ.

އާންމު ރައްޔިތުންނަށް އަމާޒުކޮށް ތައިލޭންޑްގައި ދޭ މިފަދަ ހަމަލާތަކަކީ އެ ގައުމުން އާންމު ގޮތެއްގައި ތަހުގީގު ކުރާ މައްސަލަތަކެއް ނޫނެވެ. ނަމަވެސް، މި ހާދިސާއަށް ފަހު އެ އަމަލު ހިންގި 2 ސިފައިން ވަނީ ކަމާބެހޭ ފަރާތްތަކަށް އަމިއްލައަށް ހާޒިރުވެ، ހަވާލުވެފައެވެ.