ޔޫޓިއުބް ވީޑިއޯއަކުން ބައިނަލްއަގުވާމީ އުދަރަހުގައި ފިޔަޖަހަންފެށި ކެނެޑާއަށް އުފަން ޕޮޕްސްޓާ – ޖަސްޓިބް ބީބޭ، އޭނާގެ ފޭނުންނަށް އުފާވެރި ޚަބަރެއް ދީފިއެވެ.
އޭނާގެ ސަޕޯޓަރުންނަށް ދިން ހާއްސަ މެސެޖެއްގައި ޖަސްޓީން ބީބާ ވަނީ، ކުރިއަށް އޮތް 2020 ވަނަ އަހަރަކީ އޭނާގެ 'އެނބުރިއައުން' ކަމުގައި ބުނެ، އެކަން ކަށަވަރުކޮށްދީފައެވެ.
މިއުޒިކީ ދާއިރާގެ މަސައްކަތްތަކާ ދުރުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު 2020 ވަނަ އަހަރު އެނބުރި އަންނާނީ އާ އަލްބަމަކާއެކުގައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި ވަކި ނަމެއް ދީފައި ނުވާ 5 ވަނަ އަލްބަމްގައި ހިމެނޭ ހާއްސަ ލަވައެއް، ޖަނަވަރީ 3 ވަނަ ދުވަހު ރިލީޒް ކުރާނެކަންވެސް ޖަސްޓިން ބީބާ ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން އަންނަ އަހަރުގެ މޭމަހާ ސެޕްޓެމްބަރު މަހާ ދެމެދު، އެމެރިކާއާއި އޭނާގެ އުފަން ވަޒަނުގައި ހާއްސަ ޝޯތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަންވެސް ޖަސްޓިން ބީބާ ވަނީ ހާމަކޮށްފައެވެ. އަދި މުޅިން އާ ޓީވީ ސީރީޒްއަކުންވެސް އޭނާ ފެނިގެންދާނެ ކަންވެސް، އުމުރުން 25 އަހަރުގެ ޒުވާން ތަރި، ވަނީ ހާމަކޮށްފައެވެ.
ވާލްޑް ޓުއާގެ ތެރެއިން މިއުޒީ ހަޔާތުން ޖަސްޓިން ބީބާ ބްރޭކެއް ނެގީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އަދި މިއަހަރުގެ ކުރީކޮޅު އޭނާވަނީ މަސްތުވާތަކެތީގެ ވަބާގައި އޭނާ ޖެހި، ކުރި ހަނގުރާމައިގެ ވާހަކަތަކާ، ޑިޕްރެޝަންއާއި ދެކޮޅަށް އޭނާ ކުރަމުންދާ ހަނގުރާމައިގެ ވާހަކަތައް އޭނާގެ ފޭނުންނަށް ހާމަކޮށްފައެވެ. މީގެ އިތުރުން، ޖަސްޓިން ބީބާ ވަނީ ދާދި ފަހުން، ޒަވާޖީ ހަޔާތެއްވެސް ފަށާފައެވެ.