އީރާނުގެ އާރާކް ނިއުކްލިއާ ރިއެކްޓަރުގެ ސެކަންޑަރީ ސާކިޓް އަލުން ތަރައްގީ ކުރުމަށް އެގައުމުން ކުރިއަށް ގެންދާ މަޝްރޫއުގެ ބައެއް މަންޒަރުތައް އެގައުމުން އާންމުކޮށްފިއެވެ.
އީރާނުން މިފަދަ މަންޒަރުތަކެއް އާންމުކޮށްފައި މިވަނީ، އެގައުމުން ކުރިއަށް ގެންދާ ޔޫރޭނިއަމް މުއްސަނދި ކުރުމުގެ މަޝްރޫއާއި ގުޅިގެން އެމެރިކާ އިސްވެ އޮވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އީރާނުގެ މިމަޝްރޫއަކީ އެގައުމުން ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ހޯދުމަށް ހިންގާ މަޝްރޫއެކެވެ. ނަމަވެސް އެމެރިކާގެ ތުހުމަތުތަކަށް އީރާނުން އިންކާރު ކުރެއެވެ.
އާރާކް ރިއެކްޓަރުގެ މަންޒަރުތައް ހާމަކުރައްވަމުން އީރާނުގެ އެޓޮމިކް ހަކަތައާއި ބެހޭ އިސްވެރިޔާ ޢަލީ އަކުބަރު ސޯލިހީ ވިދާޅުވީ، ފެށިގެން އެ ދިޔައީ ރިއެކްޓަރުގެ މުހިންމު ބައެއްގެ އޮޕަރޭޝަންތައް ކަމަށާ، ސެކަންޑަރީ ސާކިޓަކީ، ރިއެކްޓަރުގައި އުފައްދާ ހޫނު ފިނިކުރާ ޓަވަރަށް ފޯރުކޮށްދޭ ވަސީލަތެއް ކަމަށާ، އެމަސައްކަތްތައް މިހާރު މުޅިން ނިންމާލެވިފައިވާކަމަށެވެ.
ރިއެކްޓަރުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު ތަފްސީލުކޮށްދެއްވަމުން ސޯލިހީ ވިދާޅުވީ، މިމަސައްކަތް މުޅިން ފުރިހަމަވާނީ 52 ސިސްޓަމެއްގެ މަސައްކަތް ފުރިހަމަވެގެން ކަމަށާ، މިހާރު ނިމިފައިވަނީ 20 ސިސްޓަމެއްގެ މަސައްކަތްތައް ކަމަށެވެ.
އީރާނުން ވަނީ އެގައުމުން ޔޫރޭނިއަމް ފައްކާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ފޯޑޯ ނިއުކްލިއާ ޕްލާންޓްގެ އޮޕަރޭޝަންތައްވެސް މީގެ ދުވަސްކޮޅެއް ކުރިން ފަށާފައެވެ.
އީރާނުގެ ނިއުކްލިއާ މަޝްރޫއާއި ގުޅިގެން އުފެދިފައިވާ މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމުން އެމެރިކާ ވަކިވެފައިވާއިރު، އީރާނުން މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ އެގައުމުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް އީރާނުން ދަނީ ވަކާލާތު ކުރަމުންނެވެ. އަދި 2015 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުން ހިމާޔަތް ކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ފެއިލްވެއްޖެނަމަ، އެމެރިކާ ފަދައިން އީރާނުންވެސް އެއްބަސްވުން ދޫކޮށްލާނެ ކަމުގެ އިންޒާރު، އީރާނުން ވަނީ ދީފައެވެ.