ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ނިއުޒީލަންޑްގެ ވައިޓްއައިލަންޑް އަލިފާން ފަރުބަދަ ގޮވި ހާދިސާއާއި ގުޅިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުން ގެ ތެރެއިން އަދިވެސް ފެނިފައިވާ ނުވާ 2މީހުން ހޯދުމުގެ މަސައްކަތް ހުއްޓާލުމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ނިންމައިފިއެވެ.
އަލިފާން ފަރުބަދަ ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 19 އަށް އަރާފައިވާއިރު، މަރުވި މީހުންގެ ތެރޭގައި މި 2 މީހުންގެ ނަންވެސް ވަނީ ހިމަނާފައެވެ.
މިހާތަނަށް ހޯދާ ނުފެނިފައިވާ 2 މީހުންނަކީ އުމުރުން 17 އަހަރުގެ ވިނޯނާ ހޭން ލޭންގްފޯޑް ނަމަކަށް ކިއާ އަންހެން ކުއްޖަކާ، އުމުރުން 40 އަހަރުގެ ހޭޑަން ބްރާޔަން މާޝަލް-އިންމޭން ނަމަކަށް ކިއާ ފިރިހެނެއް ކަމަށާ، އެމީހުންގެ ހަށީގަނޑުތައް ވީ ވައިޓްއައިލަންޑް އަލިފާން ފަރުބަދަ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި ކަމަށް ބެލެވޭ ކަމަށް ޚަބަރު ލިބެއެވެ.
ނިއުޒީލަންޑްގެ ފުލުހުން ބުނީ މި 2 މީހުން ހޯދުމުގެ މަސައްކަތް ހުއްޓާލީ އައްސޭރި ފަށާ ކަނޑުގެ ސަރަހައްދުގެ ބޮޑު ބައެއް އެއްގަމާ ވައިގެ މަގުން ބަލާ، ފާސްކުރުމަށްފަހުވެސް އެމީހުންގެ ނުބަތަ އެމީހުން ގެންގުޅުނު އެއްވެސް އެއްޗެއްގެ ނިޝާނެއްވެސް ފެންނަން ނެތުމުންނެވެ.
ނިއުޒީލަންޑް ފުލުހުންގެ ސުޕާއިންޓެންޑެންޓް އޭންޑީ މެކްގްރެގާ ވިދާޅުވީ، މި ނިންމުމާ ބެހޭ މައުލޫމާތު، ގެއްލިފައިވާ 2 މީހުންގެ އާއިލާތަކާވެސް މިހާރު ހިއްސާކޮށްފައިވާނެ ކަމަށާ، އާ މައުލޫމާތެއް ލިބިއްޖެ ހިނދެއްގައި އެކަމަކަށް ތައްޔާރަށް ތިބުމަށްވެސް އެ އާއިލާތަކަށް އަންގާފައިވާނެ ކަމަށެވެ.
ހޯދާ ނުފެނިފައިވާ 2 މީހުންގެ ތެރެއިން ފިރިހެން މީހާއަކީ ނިއުޒީލަންޑްގައި ޓުއާ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އަންހެން ކުއްޖާއަކީ އޮސްޓްރޭލިއާއިން ނިއުޒީލަންޑްއަށް ދަތުރުކުރި އޭނާގެ އާއިލާއާއިއެކު އަލިފާންފަރުބަދައަށް ޒިޔާރަތްކުރަމުންދިޔަ ފަތުރުވެރިއެކެވެ. މިހާދިސާގައި އަންހެން ކުއްޖާގެ މަންމައާއި ބައްޕަވެސް ވަނީ މަރުވެފައެވެ. ނަމަވެސް އެ އާއިލާގެ އިތުރު ފިރިހެން މެމްބަރަކު ވަނީ ސަލާމަތްވެފައެވެ. ނަމަވެސް އޭނާއަށްވެސް ފިހުމުގެ ސަބަބުނ ސީރިއަސް ޒަހަމްތަކެއް ލިބިފައިވާކަމަށް ޚަބަރު ލިބެއެވެ.
ފަތުރުވެރިންގެ މެދުގައި މަގުބޫލު ވައިޓްއައިލަންޑް އަލިފާން ފަރުބަދަ ގޮވި ހާދިސާއަށްފަހު އެ ސަރަހައްދަށް ދަތުރުކުރި ހެލިކޮޕްޓަރު ޕައިލެޓެއް ވަނީ، ގެއްލިގެން ހޯދަމުންދާ ފިރިހެން މީހާ އޭނާއަށް ފެނިފައިވާ ކަމަށާ، ނަމަވެސް އޭރު އޮތީ އެހީތެރިކަމަކުން 'ބަދަލެއް އަންނާނެ ވަރަށް ވުރެ ބޮޑަށް ވަގުތު ފާއިތުވެފައި' ކަމަށެވެ.