މާތްވެގެންވާ ކީރިތި ޤުރުއާން ހިތުދަސްކޮށް ހާފިޒަކަށް ވުމަކީ ކޮންމެ މުސްލިމަކުވެސް އެކަމެއް ހާސިލުވޭތޯ ގަދައަޅާ މަސައްކަތްކުރަންވީ ކަމެކެވެ. ދާދި ފަހަކާ ޖެހެންދެން ހާފިޒުން ނުވަތަ ހާފިޒާއިންގެ ގޮތުގައި ފެންނަމުންދިޔައީ ދޮށީ އުމުރުގެ މީހުންނާ ހަރު އުމުރުގެ ތަޖުރިބާކާރުން ޤާރީއިން ކަމުގައި ވީ ނަމަވެސް، ކީރިތި ޤުރުއާން ހިތުން ދަސްކުރާ ކުޑަކުދިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މިއީ އިނގިރޭސިވިލާތަށް އުފަން، އުމުރުން އެންމެ 7 އަހަރުގެ މާރިޔާ އަސްލަމްގެ ވާހަކައެވެ. އޭނާ ކީރިތި ޤުރުއާން ހިތު ދަސްކޮށްފައިވަނީ ގާތްގަނޑަކަށް 2 އަހަރު ދުވަހުގެ ތެރޭގައެވެ. މާރިޔާ މިމަސައްކަތް ފެށީ އޭނާގެ އުމުރުން އެންމެ 5 އަހަރުގައެވެ. އެއީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސޫރިޔާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހިންގި ޗެރިޓީއަކަށް އެހީވުމަށް ޔާސީން ސޫރަތް ހިތުން ދަސްކުރި ހިސާބުންނެވެ. އޭގެ މާ ގިނަ ދުވަހެއް ނުވެ، މަދްރަސާއަށް ގޮސް، ކީރިތި ޤުރުއާންގެ 30 ވަނަ ފޮތް ހިތުން ދަސްކޮށް ފުރިހަމަކުރިއެވެ.

ދަރިފުޅުގެ ތޫނިފިލިކަން އެންމެ ފުރަތަމަ ދެނެގަތީ މާރިޔާގެ މަންމައެވެ. އަދި އެ ދަރިފުޅަކީ ހާފިޒާއަކަށް ހެދުމުގެ އަޒުމު، އެ މަންމަގެ ހިތުގައި އަށަގަތެވެ. ނަމަވެސް އުޅެ ބޮޑުވާންޖެހިފައި އޮތް ވެށީގައި ހިފުޒު ކުލާސްތަކެއް ނެތެވެ. އެހެންކަމުން މާރިޔާއަށް ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމުގެ މަސައްކަތާ އެ މަންމަ ކުރިމަތިލީ އަމިއްލައަށެވެ.

މިއީ ބުނެލާހާ ފަސޭހަކަމެއް ނޫނެވެ. ދެމައިންގެ ފަރާތުންވެސް އިންތިހާ ކެތްތެރިކަން ބޭނުންވި ކަމެކެވެ. ދަރިފުޅަކީ ހާފިޒާއަކަށް ވުމަށް ދެކެމުން އައި ފޮނި ހުވަފެނުގައި ހަގީގީ ކުލަ ޖެހުމުން، މާތް ﷲ އެ ދެމައިންނަށް ކެތްތެރިކަން ދެއްވި ކަމަށްޓަކައި މާރިޔާގެ މަންމަ އިންތިހާއަށް ޝުކުރުވެރިއެވެ.

ކީރިތި ޤުރުއާން ހިތުން ދަސްކުރުމުގެ ދަތުރު

މާރިޔާއަށް ކީރިތި ޤުރުއާން ހިތު ދަސްކޮށްދިނުމުގެ މަސައްކަތުގައި އެ ދެމައިން ދުވާލަކު 5 ގަޑިއިރު ހޭދަކުރެއެވެ. މިކަން ކުރަނީ މާރިޔާ އާންމުކޮށް ކިޔަވަން ދާ ސްކޫލް ގަޑިތަކަށްވެސް ބަލައިގެންނެވެ. ޤުރުއާނުން އާ ބައެއް މާރިޔާ ދަސްކުރަނީ ސްކޫލަށް ދިއުމުގެ ކުރިންނެވެ. އަދި ސްކޫލުން އައުމަށް ފަހު، އެދުވަހު ސްކޫލަށް ދިއުމުގެ ކުރިން ކިޔެވި ބައި ދަސްކުރުމުގައި ހޭދަކުރެއެވެ. އަދި އެ ދުވަހު ދަސްކުރި ބައި ކިޔައިދެއެވެ. މީގެ އިތުރުން ރޭގަނޑުގެ ކެއުމަށްފަހު މުރާޖައާކުރެއެވެ.

ކީރިތި ޤުރުއާންގެ 30 ފޮތް ހިތުން ދަސްކުރުމަށް ދަރިފުޅަށް ހިތްވަރު ދިނުމުގެ ގޮތުން، ކަނޑައަޅާ އަމާޒުތައް ހާސިލުވުމުން ދަރިފުޅު ބޭނުން ކޮންމެ ހަދިޔާއެއްވެސް ލިބޭނެ ކަމަށް މާރިޔާގެ މަންމަ އޭނާ ގާތުގައި ބުންޏެވެ. މާރިޔާގެ މަންމަ ބުނި ގޮތުގައި އެކި މަރުހަލާތަކުގައި އޭނާ ބޭނުންވީ ވަރަށް އާދައިގެ ހަދިޔާތަކެވެ. އެގޮތުން ބައްދާ ހެދޭ ގޮތަށް ހުންނަ ސޮފްޓް ޓޯއީޒްއާއި، ކުލަޖައްސާ ފޮތްފޮތުގެ އިތުރުން ވަކި ރެސްޓޯރަންޓްތަކަކަށް ދިއުން ފަދަ ހަދިޔާތަކަށް މާރިޔާ އެދެމުންދިޔަ ކަމަށް އޭނާ މަންމަ ކިޔައިދިނެވެ.

https://www.youtube.com/watch?v=6Nge4fQ3tsY

2 އަހަރު ދުވަހުގެ ތެރޭގައި މުޅި ކީރިތި ޤުރުއާން ހިތުން ދަސްކުރުމުގެ އުފުލުގައި މާރިޔާގެ ޝަރަފުގައި ހާއްސަ ރަސްމިއްޔާތެއްވެސް ވަނީ ބާއްވާފައެވެ.

މާރިޔާގެ ކޮއްކޮ، ޔޫސުފްވެސް މިހާރު ދަނީ ކީރިތި ޤުރުއާން ހިތުން ދަސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާވެސް މިމަސައްކަތް ފެށީ އުމުރުން އެންމެ 5 އަހަރުގައެވެ.

ކީރިތި ޤުރުއާން ހިތުން ދަސްކުރުމަކީ ދުނިޔެއާއި އާޚިރަތުގައިވެސް މުސްލިމުންނަށް ބާއްޖަވެރިކަން ހުރި ކަމެކެވެ. ކީރިތި ޤުރުއާން ހިތުން ދަސްކޮށް، މުރާޖައާ ކުރުމުގައި ވަގުތުތައް ހޭދަކުރުމަކީ، ހެޔޮ ގޮތުގައި ވަގުތު ބޭނުން ހިފުމަށްވެސް ދަރިންނަށް ދަސްކޮށްދެނިވި މާތް ކަމެކެވެ.