ވެކްސިން ނުދީ، ސްކޫލަށް ނުފޮނުވާ ގެންގުޅުނު 6 ކުދިންގެ ބެލެނިވެރިން ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް އިތުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
އެ ދެމީހުންވެސް ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށްފައި ވާއިރު ދެމީހުންގެ މައްސަލަ ބަލަމުން ދަނީ ކުދިން ބެލުމުގައި އިހުމާލުވި ކަމުގެ ތުހުމަތުގައި ކަމަށް މައުލޫމާތު ދެއެވެ.
ކޯޓު އަމުރުގައި ބުނެފައިވާގޮތުގައި ދެމީހުންވެސް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް ތުހުމަތުކޮށްފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގެ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޮރުވާފާނެ ކަމަށް ބެލެވޭތީ ކަމަށެވެ.
އަދި އޭގެއިތުރުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓު އަމުރުގައި ބުނެއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ވާގޮތުން ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް މައުލޫމާތު ދެއެވެ.
މި 6 ކުދިންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ކުދިންނެވެ. މީގެ ތެރެއިން އެއް ކުައްޖަކު ވަނީ ކޯޓުން ބޭރުން "ކައިވެނިކޮށް" ބަލިވެ އިނުމަށްފަހު ދާދި ފަހު ވިހާފައެވެ. އެއީ އޭގެ ތެރެއިން 13 އަހަރުގެ ކުއްޖާއެވެ.
އެ ކުއްދިންގެ މައިންބަފައިން ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 47 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ އަންހެނެކެވެ.
އަސާސީ ހައްގުތަކުން މަހްރޫމްކޮށްގެން ކުދިން ގެންގުޅެމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި އެ އާއިލާގައި ހިމެނޭ ކުދިންގެ ވެކްސިން ނުދީ ސްކޫލަށް ނުފޮނުވާ އެ ކުދިންނަށް އިހުމާލުވަމުންދާ ކަމަށް ހުށަހެޅި ތަހްގީގު ކުރަމުންސާ މައްސަލައާއި ގުޅިގެން އަނިޔާ ލިބެމުންދިޔަ 6 ކުދިންނަށް މިހާރު ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
12 އަހަރުގައި ބަލިވެ އިނދެ 13 އަަހަރުގައި އެ އަންހެން ކުއްޖާ ވިހެއި މައްސަލަ ފެންމަތިވެފައި ވަނީ، ރ. މަޑުއްވަރީ ލަނޑާ ނަގާ ދޯންޏެއްގައި ވަޅިން ޒުވާނަކަށް ހަމަލާދީ މަރާލަން އުޅުނު މައްސަލައިގެ ތެރެއިންނެވެ.