ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖާގަ ފުރިގެން، ޖެޓް ޕާކް ކުރަން އިރުމަތި ފަރާތު އޭޕްރަން ވަގުތީ ގޮތުން ހުޅުވައިފިއެވެ.

އިރުމަތި ފަރާތުގެ އޭޕްރަން އަކީ މިހާރު މަސައްކަތް ނިމިފައިވާ ތަނެކެވެ. ނަމަވެސް އެތަން އަދި ރަސްމީކޮށް ބޭނުން ކުރަން ފަށާފައެއް ނުވެއެވެ.

އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ 55،000 ސްކެއާ މީޓަރުގެ އިރުމަތި ފަރާތު އޭޕްރަންގައި މިއަދު ފުރަތަމަ ޕަހަރަށް ޖެޓެއް ޕާކް ކޮށްފައިވާ ކަމަށެވެ. އެތަން ވަގުތީ ގޮތުން ހުޅުވާލާފައި ވަނީ ސީޒަން ދުވަސްވަރު ކަމުން ގިނަ އަދަދަކަށް ޖެޓް ޖައްސަމުންދާތީ ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.

އިރުމަތީ އޭޕްރަން ވަގުތީ ގޮތުން ހުޅުވާލާފައިވާ އިރު، މި މަހުގެ އެއްވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާކްރާފްޓް މޫވްމަންޓް ރެކޯޑް އަދަދަކަށް ވަނީ އިތުރުވެފައެވެ. އެގޮތުން އެދުވަހު ފްލައިޓް މޫވްމެންޓް 226 އަށް އަރާފައިވެއެވެ. އެދުވަހު 102 އިންޓަނޭޝަނަލް ފްލައިޓް މައި އެއާޕޯޓު ބޭނުން ކޮށްފައިވާއިރު ޑޮމެސްޓިކް ފްލައިޓުގެ އަދަދު 121 އަށް އަރާފައިވެއެވެ.

މިދުވަސް ވަރަކީ އާންމު ގޮތެއްގައި އެއާޕޯޓަށް ބާރުބޮޑު ދުވަސްވަރެކެވެ. ބޮޑު ޗުއްޓީ ދުވަސްވަރު ރާއްޖޭގެ އެތެރޭގެ އުދުހުންތައް އިތުރުވެއެވެ. އަދި ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ބައިނަލްއަގުވާމީ ދަތުރުތައް ވެސް އިތުރުވެއެވެ.