ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތު ކުރެވިފައި ވާ ރ. މަޑުއްވަރީގައި ޖެންޑާއިން ކުރިއަށް ގެންދިޔަ މަސައްކަތުގައި 9 ގޭބިސީއަކުން 18 އަހަރުން ދަށުގެ 20 ކުއްޖެއްގެ ހާލަތު ބަލާފައި ވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މަސައްކަތުގައި މިހާތަނަށް ނުވަ ގޭބިސީއަކަށް ޒިޔާރަތްކޮށް 18 އަހަރުން ދަށުގެ 20 ކުދިންގެ ހާލަތުބަލާފައި ވާ ކަމަށެވެ. އަދި އެ ކުދިންގެ އާއިލާއާ މަޝްވަރާކޮށް، އެ ކުދިންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރެވިފައި ވާ ކަމަށް ވެސް އެ ނޫސް ބަޔާނުގައި ވެއެވެ. ނަމަވެސް އެ 9 ވަ ގޭބިސީގައި ހިމެނޭ 20 ކުދިންގެ ހާލަތީ ކޮބައިކަމެއް ޖެންޑާއަކުން ނުބުންޏެވެ.

ޖެންޑާއިން ބުނީ ކުރެވިފައިވާ މަސައްކަތަކުން 4 ކުދިންނަށް ޅަފަތުގައި ދޭންޖެހޭ ވެކްސިން އާއިލާގެ އެއްބާރުލުމާއެކު ދެވިފައި ވާ ކަމަށާއި އެހެން ގޭބިސީއެއްގައި ހިމެނޭ 1 ކުއްޖަކު އާއިލާ ތެރޭގައި ބަހައްޓައިގެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނޭ މާހައުލެއް ނެތްކަން ފާހަގަވުމާއެކު ކުއްޖާގެ އާއިލާގެ ހާލަތުބަލައި، އެ ކުއްޖާއަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދެވިފައި ވާ ކަމަށްވެސް އެ މިނިްސްޓްރީގެ ނޫސް ބަޔާނުގައި ވެއެވެ.

އަދި މައިންބަފައިންނާއި އާއިލާގެ އިހުމާލުން ކުދިންގެ އަސާސީ ހައްގުތައް ނިގުޅައިގަނެ، ކުދިންގެ ސިއްހީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ފަދަ ގޮތަކަށް ކުދިންނާ މެދު އަމަލުކުރުމުގެ ޖާގަ އެއްވެސް ފަރާތަކަށް ނުދޭނެކަމުގެ ޔަގީންކަން އެ މިނިސްޓްރީން ދޭ ކަމަށްވެސް އެ ނޫސް ބަޔާނުގައި ވެއެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މައިބައިފައިންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރަމުން ގެންދޭތޯ މިނިސްޓްރީން ބަލަމުން ގެންދާނެކަން ވެސް ޔަގީންކޮށްދޭ ކަމަށް އެ ނޫސް ބަޔާނުގައި ވެއެވެ.

ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި މަޑުއްވަރީގެ ގެތައް ބަލައި ފާސް ކުރުމަށް ފުލުހުން އޮޕަރޭޝަނެއް ފަށާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހެވެ. މި އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށެވެ.