ރާއްޖޭގެ މިހާރުގެ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހުއްދަ ނެތި ރާއްޖެއިން ބޭރަށް ޖިހާދަށް ނުދެވޭނެ ކަމަށް މަކްތަބާ ސަލަފިއްޔާއިން ބުނެފިއެވެ. އެ ޖަމްއިއްޔާއިން ބުނީ، މިވަގުތު ރައީސަކަށް ހުންނެވީ ރައީސް ސޯލިހު ނަމަވެސް، ރައީސަކަށް ހުންނަވާ ބޭފުޅަކީ މުސްލިމަކަށްވެފައި، ބޭރުގެ ތަނެއްގައި ޖިހާދު ކުރަން ދާން ވިޔަސް ދެވޭނީ އެވަގުތަކު ރައީސަކަށް ހުންނަވާ ފަރާތަކުން ހުއްދަ ދެއްވީމާ ކަމަށެވެ.

އެ ޖަމިއްޔާއިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ދީނީ އިލްމުވެރިއެއް ކަމަށްވާ ގދ. ތިނަދޫ / ރެޑްސީ، މުހައްމަދު ހަސަން ވިދާޅުވީ އެ ޖަމްއިއްޔާއާއި އަދި އޭނާގެ ބޮލުގައި ހަރުކަށި ފިކުރުުގެ ތުހުމަތުކޮށް މީޑިއާތަކުގައި ވާހަކަ ދެކެވެމުންދާ ކަމަށާއި، އެއީ މުޅިން ދޮގު ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރާ، ވެކްސިން ދިނުމާ ދެކޮޅުހަދާ، ޖިހާދަށް ގޮވާ ހަދަނީ، ރާއްޖޭގައި މުޅިން އެހެން ބައެއް ކަމަށެވެ. މިއަދުގެ ޕްރެސް ކޮންފަރެންސްގައި އެ ޖަމްއިއްޔާއިން ވަނީ، ހަރުކަށި ފިކުރު ފަތުރަނީ ކޮން ބައެއް ކަމާއި، އެމީހުން ސޯޝަލް މީޑިއާއާއި އެނޫންވެސް މަގާމުތަކުގައި ދައްކާފައި ހުރި ވާހަކަތައްވެސް ނޫސްވެރިންނާ ހިއްސާ ކުރައްވާފައެވެ.

މީގެ އިތުރުން މުހައްމަދު ހަސަން ވިދާޅުވީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ގޮވާލައި ޓެރަރިސްޓް އަދި ހަރުކަށި ފިކުރުގެ ރާއްޖެއިން ބޭރުގެ މީހުން ދީނީ ދަރުސް ދިނުމަށް ގެނައުމުން އެކަމާ ދެކޮޅަށް އެ ޖަމިއްޔާއިން އަޑުއުފުލާފައިވާ ވާނޭ ކަމަށާއި ހަރުކަށި ފިކުރާ ދެކޮޅަށް ހަރު އަޑުން އިންކާރުކޮށް ދެކޮޅު ހަދާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި 2009 އިން ފެށިގެން އެ މަގުގައި ގިނަ ގުނަ މަސައްކަތްތައް ކުރައްވާ ކަމަށާއި، އެގޮތުން ލީފްލެޓާއި، ފޮތް ނެރުމާއި، ދީނީ ދަރުސް ދިނުން ހިމެނެއެވެ.

އަދި ހަރުކަށި ފިކުރުތަކަށް ރާއްޖޭގައި ދައުވަތުދީ ތާއީދު ކުރާ މީހުންގެ ވާހަކަތަކަށް އޭނާ ރައްދު ދެއްވާފައި ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަރުކަށި ފިކުރުގެ ތުހުމަތު މުހައްމަދު ހަސަނުގެ މައްޗަށް އުފުލާފައިވާ ކަމަށް އޭނާ ވިދާޅުވާ އިރު އިސްލާމިކް މިނިސްޓްރީން އޭނާއަށް ދީފައިވާ ހުއްދަ ހިފަހައްޓާފައި ވަނީ އިސްލާމްދީނުގެ ދަންނަބޭކަލުންގެ މެދުގައި ހިޔާލު އުފެދިފައިވާ މައްސަލަތަކާ ބެހޭގޮތުން މުޖުތަމައުގައި ބައިބައިވުމާއި ފިތުނަފަސާދައަށް މަގުފަހިވާނޭހެން ވާހަކަ ދައްކާތީ ކަމަށް ބުނެއެވެ.

މަކުތަބާ ސަލަފިއްޔާއިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޖަމްއިއްޔަތުއް ސަލަފަށް ނިސްބަތްވާ ގިނަ ފަރާތްތަކެއްގެ ޓްވީޓުތަކާއި ލިޔުންތަކުން މަކުތަބާ ސަލަފިއްޔާއަށް ފާހަގަ ވި ކަންތައްތައް ނޫސްވެރިންނަށް ދައްކާފައިވެއެވެ.