ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ސިފައިންނާއި ފުލުހުން ރ.މަޑުއްވަރީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ބައެއް މީހުން ދޫކުރަމުންދާ ކަމުގެ ތުހުމަތު އެރަށު ރައްޔިތުން ކޮށްފިއެވެ.

ފުލުހުންނާއި ސިފައިން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ފުލުހުން ބުނީ ތިން މީހަކު ހައްޔަރުކުރި ކަމަށެވެ. އަދި އެ ތިން މީހުންގެ ބަންދަށް 10 ދުވަސް ޖެހި ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އެހެންނަމަވެސް މަޑުއްވަރިން "ދަޕްރެސް"އާ ވާހަކަދެއްކި މީހަކު މިއަދު ބުނީ ފުލުހުން އެކަމުގައި އޮޅުވާލުންތަކެއް އޮޅުވާލަމުން އަންނަ ކަމަށެވެ. އެގޮތުން އޭނާ ބުނީ ފުލުހުން ހައްޔަރުކުރީ އެންމެ ތިން މީހުން ނޫން ކަަމަށެވެ. އެއަށްވުރެ ގިނައިން ފުލުހުން އެރަށުން މީހުން ހައްޔަރުކުރި ކަމަށެވެ. ނަމަވެސް ބައެއް މީހުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުންނާއި ގާތް ގުޅުމެއް އޮންނަ މީހުން ކަމުން އެމީހުން ދޫކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"މުޅި ރަށުގައި އޮތީ ބިރުވެރިކަން. އެކަމަކުވެސް މި މައްސަލާގައި ފުލުހުން މި ރަށުން ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން އެ ދޫކޮށްލީ. އެއްވެސް ކަމަކުންކުރެ ކަމަކާއި ނުލާ. ހަމައެކަނި އެންމެ ސަބަބެއް. އެއީ އެމީހުންނަކީ ސަރުކާރު ޕާޓީގެ ގިނަ މީހުންނާއި ގާތް ގުޅުމެއް އޮންނަ ބައެއް ކަމަށް ވާތީ. މިހެން ހަދާކަށް ނުވާނެ ދެއްތޯ. މިތިބީ ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި،" ނަން ހާމަކުރަން ބޭނުންވާ އެމީހާ ބުންޏެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނަކީ މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުގެ ބޭރުން، ވަކިން ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހްރޫމްކޮށް އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ މި ކަންކަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

"މިފަދަ އަމަލުތައް ހިންގާ ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމައުއާ ވަކިކޮށް، ކުޑަކުދިންނަށް ސިއްހީގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ، ތައުލީމް ހާސިލްކުރުމުގެ ހައްގުން މަހްރޫމްކޮށް، ކުޑަކުދިން މީހުންނާއި ކައިވެނިކޮށްގެން ކަމަށްބުނެ މި ކަންކަން ހިންގާ، ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭކަމަށާއި ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާއި ގުޅުންހުރި ސިއްހީ އިންތިޒާމްތަކާ ގުޅިގެން މި ކަންކަން ހިންގަމުންދާކަމަށް ފާހަގަކުރެވޭ. އެ ގެތައް ބަލައި ފާސްކޮށް މިކަންކަން ކުރުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ހޯދައި، ދެނެގަނެ މި ތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށްޓަކައި ހިންގޭ އޮޕަރޭޝަނެއް" ފުލުހުން ބުނެއެވެ.

އެ އޮޕަރޭޝަނުގައި ގާނޫނީގޮތުުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންނާއި ސިފައިން ގުޅިގެން އަޅަމުންދާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.