ފަލަސްތީނުގެ ބިންތަކުގައި ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާކަމަށް ބުނާ މައްސަލައިގެ ތަހުގީގެއް އެކޯޓުގައި ފެށުމަށް ބޭނުންވާކަމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)ގެ އިސް ޕްރޮސެކިއުޓަރު ފަތޫ ބިންސޫދާ ވިދާޅުވެއްޖެއެވެ.
ފަތޫ ބިންސޫދާ ވިދާޅުވީ އިސްރާއީލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް އަދި ގައްޒާގައި ހިންގަމުންދާ ނުވަތަ ހިންގާފައިވާ ހަނގުރާމައިގެ ޖަރިމާތައް ބެލުމަށްޓަކައި ކޯޓަށް އިހުތިސޯސް ލިބިފައިވާ ސަރަހައްދު ބެލުމަށް އެދި ހުށަހަޅުއްވާފައިވާނެ ކަމަށެވެ.
އިސްރާއީލުން ހަނގުރާމައިގެ ޖަރީމާ ހިންގާ ކަމުގެ ޝަކުވާ، ފަލަސްތީނުން އައިސީސީއަށް ހުށަހެޅީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އައިސީސީއިން މިމައްސަލަ ބަލަމުންދިޔަ ނަމަވެސް އިސްރާއީލުން ބުނާ ގޮތުގައި އައިސީސީގެ މި ހަރަކާތަކީ އެއްވެސް އަސާސެއް ނެތް ހަރަކާތެކެވެ.
އިސްރާއީލަކީ އައިސީސީގެ މެމްބަރަކަށް ނުވާއިރު، މިމައްސަލައިގެ ތެރެއަށް އައިސީސީއިން ވަނުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ. އަދި އިސްރާއީލަކީ ޣައިރު ގާނޫނީ ދައުލަތެއް ކަމުގައި ހެދުމަށް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އައިސީސީ ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުވެސް އިސްރާއީލުން ވަނީ ކޮށްފައެވެ.
ކަންމިހެން އޮތްއިރު ބިންސޫދާ ވިދާޅުވީ ފަލަސްތީނުގެ ބިންތަކުގައި ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ މައްސަލަ ބަލަން ފެށުމަށް އެކަށީގެންވާ މިންވަރަށް އިބްތިދާއީ ތަހުގީގުތަކަށް ހެކި ލިބިފައިވާކަމަށެވެ. އައިސީސީއިން ބަލަމުންދަނީ އިސްރާއީލާ ފަލަސްތީނާ ދެމެދު 2014 ވަނަ އަހަރުގެ ތެރޭގައި ކުރި ވަރުގަދަ ހަނގުރާމައިގެ 1 ދުވަސް ކުރިން ފެށިގެން ހިންގާފައިވާ ޖަރީމާތަކެވެ.