ފާއިތުވެގެން މިދާ ދެތިން އަހަރަކީ މެދުއިރުމައްޗާ އަރަބި ގަލްފް ގައުމުތަކުގެ ސަރަހައްދަށް އެކި މޭރުމުން އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ އަހަރުތަކެއްގެ ގޮތުގައި ފާހަގަކުރަންޖެހެއެވެ. އެއްގައުމަށްވުރެ އަނެއް ގައުމު ހޯދާ ފަޚްރާ ޝަރަފު އިތުރު ކުރަމުން ގޮސް، ތާރީހީ އެތައް ކަމެއް ބަދަލުކޮށް އާ ސަފުހާތަކެއް ލިޔަން ފެށީވެސް މަދު ގައުމަކުން ނޫނެވެ.
ޖިންސުގެ ހަމަހަމަ ކަމުގެ ވާހަކަ މެދުކެނޑުމެއްނެތި ދެކެވެމުންދާ މި ދަނޑިވަޅުގައި މި ސިލްސިލާ ޗޭނަށް ބޮޅެއް އިތުރުކުރި އެއް ގައުމަކީ ގަލްފްއެވެ. ކުވައިތުން ވަނީ އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް މާލީ ވަޒީރު ކަމުގެ މަގާމަށް އަންހެން ބޭފުޅަކު ހަމަޖައްސާފައެވެ. މިއީ ގަލްފް ސަރަހައްދުގެ ގައުމެއްގައިވެސް މިކަން މިގޮތަށް ކުރި ފުރަތަމަ ފަހަރެވެ. ކުވައިތުގެ އާ މާލީ ވަޒީރު ކަމުގެ މަގާމަށް އައްޔަނު ކުރެވުނު މަރްޔަމް އަލް-އަގީލު އަކީ މިހާރު ކުވައިތު ސޮވްރިން ވެލްތް ފަންޑުގެ ބެލެހެއްޓުންތެރިޔާވެސްމެއެވެ.
މަރްޔަމް އަލް-އަގީލް އަކީ ކޮން ބޭފުޅެއް؟
2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފަށައިގެން މަރްޔަމް އަދާކުރައްވަމުން ގެންދެވީ ކުވައިތުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ އިކޮނޮމިކް އެފެއާޒް ކަމުގެ މަގާމެވެ. އަދި މިއަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އެކްޓިންގް ފައިނޭންސް މިނިސްޓަރު ކަމުގެ މަގާމު މަރްޔަމްއަށް އެރުވިއެވެ. ކުވައިތުގެ މާލީ ވަޒީރުކަމުގެ މަގާމު ރަސްމީ ސިފައެއްގައި މަރްޔަމްއަށް އަރުވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
ކުވައިތާ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)އާއި މުޅި އަރަބި ދުނިޔެއަށް ބެލި ކަމުގައި ވީ ނަމަވެސް މާލީ ވަޒީރު ކަމާ މިނިސްޓާ އޮފް ސްޓޭޓް ފޯ އިކޮނޮމިކް އެފެއާޒް ކަމުގެ ޕޯޓްފޯލިއޯ އޮތް ހަމައެކަނި ޝަހްސަކީވެސް މަރްޔަމްއެވެ. މީގެ އިތުރުން މަރްޔަމްއަކީ ކުވައިތުގެ ތާރީހުގައިވެސް އެގައުމުގެ މާލިއްޔަތާ ގުޅުންހުރި އެންމެ އިސް 2 އިދާރާގެ އިސްވެރިޔާގެ މަގާމަށް އައްޔަން ކުރެވުނު ފުރަތަމަ އަންހެން ބޭފުޅާވެސްމެއެވެ. ކުވައިތު ޑިސްޓިންގުއިޝްޑް ވުމަން އެވޯޑްގެ ޗެއާ އޮފް ހަޔާ ކޮމިޓީގެ މަގާމުގައި އިންނެވި މަރްޔަމްއަކީ ކުވައިތް އިންވެސްޓް އޮތޯރިޓީ (ކޭއައިއޭ)އާއި ކުވައިތުގެ ޕަބްލިކް އިންސްޓިޓިއުޝަން ފޯ ސޯޝަލް ސެކިއުރިޓީ (ޕިފްސް)ގެވެސް ބެލެހެއްޓުންތެރިޔާއެވެ.
މިހާ ހިސާބުންވެސް މަރްޔަމްގެ މަގާމުތަކުގެ ލިސްޓު ނިންމާލެވޭކަށް ނެތެވެ. އޭނާއަކީ ކުވައިތުގެ ގައުމީ ތަރައްގީގެ ޕްލޭން (ކޭއެންޑީޕީ)ގެ މެނޭޖަރެވެ. އަދި ކުވައިތު ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރުގެ ވަޒީފާގެ ބާޒާރުގެ ކަންކަން ހިނގަމުންދަނީވެސް މަރްޔަމްގެ މޭސްތިރިކަމުގެ ދަށުންކަން ފާހަގަކުރަންޖެހެއެވެ.
މީގެ އިތުރުން މަރްޔަމްގެ ޕޯޓްފޯލިއޯއިން ފާހަގަކުރެވޭ އިތުރު މަގާމުތަކާ ޒިންމާތަކުގެ ތެރޭގައި، ޕަބްލިކް އޮތޯރިޓީ ފޯ މޭން ޕަވާ، ހަޔާ ޑެމޯގްރަފިކް ކޮމިޓީ، ދަ އަރަބް ލޭގާ އޯގަނައިޒޭޝަން އަދި ދަ އަރަބް ޕްލޭނިންގް އިންސްޓިޓިއުޓްގައިވެސް މަރްޔަމް ގެންދަވަނީ ރިޔާސަތު ބަލަހައްޓަވަމުންނެވެ. މީގެ އިތުރުން ކުވައިތުގެ ސުޕްރީމް ކައުންސިލް ފޯ ޕްލޭނިންގް އެންޑް ޑިވަލޮޕްމަންޓްއާއި، ސުޕްރިމް ޕެޓްރޯލިއަމް ކައުންސިލްއާއި ސިވިލް ސާވިސް ކޮމިޝަނުގެ އިތުރުން ހަޔާ ފެމިލީ އެފެއާޒް ކައުންސިލްއާއި ހަޔާ އެންވައިރަމަންޓް ކައުންސިލްއާއި ވަޒީރުންގެ މަޖިލީހުގެ އިގުތިސޯދާ މާލިއްޔަތު ކޮމިޓީއާއި ވަޒީރުންގެ މަޖިލީހުގެ ލީގަލް ކޮމިޓީގެ މެމްބަރުންގެ ޕެނަލްގައިވެސް މަރްޔަމްގެ ދައުރު ބޮޑެވެ.
މަރްޔަމްއަކީ އަރަބި ގަލްފުގެ ސަރަހައްދުން ބޭރުންވެސް ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކުންވެސް ފެނިގެން ގޮސްފައިވާ ޝަހްސެކެވެ. އެގޮތުން އދގެ ވިޔަފާރިއާއި ތަރައްގީއާއި ބެހޭ ޖަމިއްޔާ (ޑަބްލިއުޓީއޯ)ގެ މުހިންމު ބައްދަލުވުންތަކެއްގައިވެސް މަރްޔަމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިފަދަ އިސް، ޒިންމާދު މަގާމުތަކެއް އަދާކުރައްވާފައި އަދި މިހާރުވެސް އަދާކުރައްވަމުން ގެންދަވާ މަރްޔަމް އަލް-އަގީލްއަކީ ކުވައިތު ޔުނިވާސިޓީ އޮފް ކުވައިތް އިން އެކައުންޓިންގްގެ ރޮނގުން ބެޗެލާޒް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.