މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނުވަތަ ދައުލަތުން، މަދުވެގެން 55 މިލިޔަން ޑޮލަރު (848 މިލިޔަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް އާ ގުޅޭ ގޮތުން މިދިޔަ ދެތިން މަހެއްހާ ދުވަސް ތެރޭގައި، ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރާ ބައެއް މީހުންނާއި ބައެއް ސިޔާސީ ބޭފުޅުން ވެސް ސީރިއަސް ސުވާލުތަކެއް އުފެއްދި އެވެ. އަދި އެ ސުވާލުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ޖަވާބުން ހިތްހަމަޖެހުން ތަކެއް ވެސް ލިބުނެވެ. މިދިޔަ ޖުލައި މަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ "ވަކި ބަޔަކަށް ޓާމިނަލް ދޭން ނިންމާފައި ނުވާ" ކަމަށެވެ.
ސީޕްލޭން ޓާމިނަލް އާއި ގުޅޭ ގޮތުން ތަފްސީލް ވަމުން ދާވަރަކުން އެނގެނީ އެ ޓާމިނަލް ވަކި އެއް ބަޔަކަށް ނުދިނުމުން އަދި ފުދުނީ ނޫން ކަމެވެ.
އެމްއޭސީއެލްގެ ބޯޑުގެ ބައެއް މެމްބަރުންގެ މެދުގައި، އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ މެދު ގެންގުޅޭ ވިސްނުމާ ގުޅޭ ގޮތުން އެކުންފުނިން ބުނެފައިވަނީ ސީޕްލޭން ޓާމިނަލް ވަކިބަޔަކަށް (ޓީއެމްއޭއަށް) ދޭން ނޫޅޭ ކަމަށެވެ.
ތެދެކެވެ. ޓާމިނަލް ވަކިބަޔަކަށް ދޭކަށް ނޫޅެއެވެ. ސީޕްލޭން އޮޕަރޭޓް ކުރަން ވަރުގަދަ 4 އޮޕަރޭޓަރުން މިހާރު ތިބިއިރު ވަކިބަޔަކަށް ޓާމިނަލް ދިނުން އެއީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. އެހެންވެ ހުރިހާ ސީޕްލޭން އޮޕަރޭޓަރުންނަށް ޓާމިނަލް ދިނީމާ އޯކޭ ތާއެވެ. އަދި ވަކި ބަޔަކަށް ދޭން ނިންމާފަައި ނުވާކަަމަށް ރައީސް ޖުލައި މަހު ވިދާޅުވީމާ، އެވިދާޅުވި ގޮތަށް ވެސް ވީތާ އެވެ.
ރައީސް އެގޮތަށް ވިދާޅުވުމުން އެމްއޭސީއެލްގެ ބައެއް ބޭފުޅުން 'ވަރަށް އުފާ ކުރައްވާ ކަމަށް' އިންޑަސްޓްރީގެ މައުލޫމާތު ދެނެތިބި ބޭފުޅުން ވިދާޅުވެއެވެ. އެއީ ވަކި ބަޔަކަށް ނުދީ ހުރިހާ ސީޕްލޭން އޮޕަރޭޓަރުންނަށް ޓާމިނަލް ދީގެން ރައީސް ވިދާޅުވި ގޮތް ހެދުނީމައެވެ. އެމްއޭސީއެލް ނުވަތަ ސަރުކާރަށް ކިތަންމެ ގެއްލުން ބޮޑަސް ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ބޮޑު މަންފާ އެއް ލިބޭ ގޮތަކަށް ވިޔަސް މައްސަލަ އެއް ނެތް ކަމަށް ވެދާނެ އެވެ.
އިންޑަސްޓްރީގެ ފަރާތްތަކާ ބައްދަލު ކުރުން
މިދިޔަ ޖުލައި މަސް ތެރޭގައި އެމްއޭސީއެލް އިން ވަނީ ސީޕްލޭން ހިންގާނެ މޮޑެލް އަކާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ހުރިހާ ސީޕްލޭން އޮޕަރޭޓަރުންނާ އެއްކޮށް ބައްދަލު ކޮށްފައެވެ. މިބައްދަލުވުމުގާ އެމްއޭސީއެލްގެ ފަރާތުން ބައިވެރިވީ ބޯޑު މެމްބަރަކާއި ރައީސް އޮފީހުން އެއާޕޯޓް އަޕްގްރޭޑް ޕްރޮޖެކްޓަށް ކަޑައަޅާފައި ހުންނަވާ ބޭފުޅަކާ އެމްއޭސީއެލް ގެ އެކްޓިން މެނޭޖިން ޑިރެކްޓަރާއި ސީޕްލޭން ޓާރމިނަލް ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ކޮންސަލްޓަންޓެވެ.
އެ ބައްދަލުވުމުގައި މުޅިންހެން ވާހަކަ ދެއްކެވީ ބޯޑު މެންބަރު ކަމަށް 'ދަ ޕްރެސް' އަށް ވަނީ މައުލޫމަތު ލިބިފައެވެ. އޭނާ ވިދާޅުވިކަމަށް ވަނީ އެމްއޭސީއެލް ގެ ވިސްނުމަކީ 3 އަހަރު ވަންދެން ސީޕްލޭން ޓާމިނަލް ހިންގަން ސީޕްލޭން އޮޕަރޭޓަރުންނަށް ދިނުމެވެ. ނަމަވެސް، އިންޓަނޭޝަނަލް ޓާމިނަލް ވެސް ހިންގާ ގޮތަށް، އެއާޕޯޓް އޮޕަރޭޓަރު ނުވަތަ އެމްއޭސީއެލް އިން އާ ސީޕްލޭން ޓާމިނަލް ހިންގުން ވަރަށް މުހިންމު ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ގިނަ ސީޕްލޭން އޮޕަރޭޓަރުން ހުށަހެޅި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި ސީޕްލޭން އޮޕަރޭޓަރުން ޓާމިނަލް ހިންގުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، އަދި ޚާއްސަކޮށް، ސީޕްލޭން އޮޕަރޭޓަރުން ރިސޯޓް ލައުންޖް ތައް ހިންގަން ނުޖެހޭނެ ކަމަށާއި، އެމްއޭސީއެލް އިން އެކަން ކުރުމަށް، އެތަނަށް ދިޔަ ގިނަ އޮޕަރޭޓަރުން ހުށަހެޅިކަން ވަނީ އެނގިފައެވެ.
ނަމަވެސް ބޯޑު މެންބަރު ވިދާޅުވި ކަމަށް ވަނީ، އެކަން ކުރެވޭނެ ކެޕޭސިޓީ އެމްއޭސީއެލްގައި ނެތް ކަމަށެވެ. ހިންގާނެ ކެޕޭސިޓީ ނެތިއްޔާ، އެމްއޭސީއެލް އިން ސީދާ ރިސޯޓް ތަކަށް ލައުންޖު ހަދަން ޖާގަ ކުއްޔަށް ދޭންވީ ނޫންތޯ އާއި އޭރުން ރިސޯޓްތަކުން ލައުންޖްތައް ހަދައިގެން މިހާރުވެސް ހިންގާ ގޮތަށް އަމިއްލައަށް ހިންގާނެ ކަމަށާ، އަދި އެމްއޭސީއެލް އަށް ލައުންޖް ތަކުން ވަރަށް ބޮޑު ފައިދާ އެއް ލިބޭނޭ ކަމަށް ހުށަހެޅުމުން ވެސް، ބޯޑު މެންބަރު ވިދާޅުވި ކަމަށްވަނީ، އެހާ ގިނަ އެގްރީމަންޓް ތަކެއް ހަދައިގެން ބަލަހައްޓާނެ ކެޕޭސިޓީ އެއް ވެސް އެމްއޭސީއެލްގައި ނެތްކަމަށެވެ. މީގެ އިތުރުން، ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އާއި އައިލެންޑް އޭވިއޭޝަން ސާރވިސަސް (އައިއޭއެސް)ގެ ޓާމިނަލްގައި ހުންނަ ލައުންޖްތައް މިހާރު ވެސް، އެ ދެ ތަނުން ރިސޯޓް ތަކަށް ކުއްޔަށް ދިނީމައި، ރިސޯޓް ތަކުން އަމިއްލަޔަށް ލައުންޖް ތައް ހަދައިގެން ހިންގަނީ އެރިސޯޓްތަކުން އަމިއްލައަށް ކަމަށް ބައެއް ބޭފުޅުން އެ މީޓިންގައި ދެންނެވި ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.
މިދެކެވެނީ އެގްރީމެންޓެއްގެ އެއް ޓެންޕްލޭޓެއްގައި ގާތްގަޑަކަށް 80 ވަރަކަށް ރިސޯޓާއެކު ސޮއިކުރާ ވާހަކައެވެ. ކުންފުނީގެ ބޯޑުގެ ޒިންމާ އަކަށް ވެސް ވާން ޖެހޭނީ އެމްއޭސީއެލް ނުވަތަ ސަރުކާރަށާ، މުޅި ޓޫރިޒަމް ސިނާއަތަށް އެންމެ ފައިދާ ހުރި ގޮތަކަށް ގިނަ އެއާލައިން ތަކަށް ކުރިއެރުމުގެ ފުރުސަތު އޮންނާނެ ހެން ރަނގަޅު ކޮމްޕެޓިޝަނަކަށް މަގުފަހި ކޮށްދީގެން އެތަން ހިންގުމުވެ.
އާ ޓާމިނަލް އޮޕްރޭޓަރުންނަށް ދިނީމައި ވަނީ ކިހިނެއް؟
ސީޕްލޭން އޮޕަރޭޓަރުންނަށް ޓާމިނަލް ކުއްޔަށް ދިނުމުން، އޮޕަރޭޓަރުންގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ސަރުކާރުގެ ކުންފުނި އައިއޭއެސް އަށް ކަމަށް ބައެއް ފަރާތް ތަކުން ދެކެއެވެ. އެއީ އައިއޭއެސް ގެ ސީޕްލޭން އޮޕަރޭޝަން ފުޅާކުރަން އޮތް ފުރުސަތު ގެއްލިގެން ދާތީ އެވެ. އައިއޭއެސް ގެ ވަރަށް އިސް ބޭފުޅުން ތަކެއް މިކަމާ ނުހަނު ކަންބޮޑުވުން ފާޅުކުރި ކަމަށް ނަން ހާމަކުރަން ބޭނުންނުވާ ބައެއް މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބިފައި ވެއެވެ.
އައިއޭއެސް ގެ ކޭޝްފްލޯ މެނޭޖް ކުރަން ދަތިވެ މިހާރު ވެސް އެތައް މިިލިޔަން ރުފިޔާ އެއް އެކިއެކި ފަރާތްތަކަށް ނުދައްކާ ހުރި ކަމަށާ، އައިއޭއެސް ގެ ހާލަތު ސަރުކާރަށް އަދި އެމްއޭސީއެލް އަށް ވެސް ރަނގަޅަށް އެނގޭނެ ކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ. އައިއޭއެސް އަށް ނިސްބަތުން އެންމެ ބޮޑަށް ފައިދާ ވަނީ ސީޕްލޭން ވިޔަފާރިން ކަމަށާ، އެހެން ވީމައި، އައިއޭއެސް ގެ ސީޕްލޭން ވިންގު ކުރިއަރުވަން ރަނގަޅަށް ފުރުސަތު ތަނަވަސް ކޮށްދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްއޭސީއެލް އިން އޮޕަރޭޓަރުންނަށް ދީގެން ޓާމިނަލް ހިންގާ ނަމަ އެތާނގެ އެންމެ ބޮޑު މަންފާއެއް ލިބޭނީ، އެތާގެ ޖާގައިގެ ގާތްގަޑަކަށް 70 ޕަސެންޓް ލިބޭނެ ކަމަށް ބެލެވޭ ޓީއެމްއޭ އަށެވެ. ޓީއެމްއޭ އަށް ސީޕްލޭން އޮޕަރޭޓް ކޮށްގެން މިހާރު ވެސް ގާތްގަޑަކަށް 80 މިލިއަން ޑޮލަރު (EBITDA) ނުވަތަ 1233 މިލިޔަން ނުވަތަ 1.23 ބިލިޔަން ރުފިޔާ ލިބޭ ކަމަށް ބައެއް މީޑިއާތަކުން ހާމަކޮށްފައި ވެއެވެ. ފަސް، ހަ ރިސޯޓް ރާއްޖޭގައި ހިންގުމުން ވެސް ގާތްގަޑަކަށް ފައިދާ ލިބޭނީ މިވަރަށެވެ. ވީއިރު އާ ސީޕްލޭން ޓާމިނަލް ގެ ލައުންޖު ސްޕޭސް ލިބުނީމައި، މި އަދަދު އެތައް ތަނުން ބޮޑުވާނެއެވެ. މިފައިސާގެ ބޮޑު ބައެއް ހޯދަނީ ރިސޯޓް ތަކަށް އެކްސްކްލޫސިވް ލައުންޖު ޖާގަ ދިނުމުގެ ފުރުސަތު ޓީއެމްއޭ އަށް އޮންނާތީ އެވެ. ޑޮލަރުން ލިބޭ މިފައިސާގެ ބޮޑުބައި ދާނީ ސީދާ ރާއްޖެއިން ބޭރަށެވެ. ޓީއެމްއޭ އަކީ މިހާރު މުޅިންހެން ފޮރިން އިންވެސްޓްމަންޓެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ހަމައެކަނި 0.5 ޕަސެންޓުގެ ހިއްސާއެއް ކުރީގެ އޯނަރުންނަށް އަދި ވެސް އޮތްކަމަށް ރާއްޖޭއިން ބޭރުގެ އޮންލައިން ނޫސްތަކުގައި ހާމަކޮށްފައި ވެއެވެ.
އާސީޕްލޭން ޓާމިނަލް ކަންތައްތައް އެމްއޭސީއެލް އާއެކު ވަކި ގޮތަކަށް ނިންމާ، ހިންގަން ފެށުމުން ޓީއެމްއޭ ގެ ކުރީގެ ރާއްޖޭގެ އޯނަރުން އެކުންފުނީގެ ހިއްސާ އިން ބައެއް އަނބުރާ ގަންނަ ގޮތަށް ހަމަޖެހިފަވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ދާދި ފަހުން އެމެރިކާގެ ބެއިން ކެޕިޓަލް ކުންފުންޏާއި ޗައިނާގެ ޓެމްޕަސް ގްލޯބަލް ކުންފުންނިން ޓީއެމްއޭގެ ހިއްސާ 500 މިލިޔަން ޑޮލަރަށް ވުރެ މަތިން ގަތްއިރު އެމްއޭސީއެލް އާ ޓީއެމްއޭ އާއެކު ދިގު މުއްދަތެއްގެ އެއްބަސްވުމެއް ވެސް ނެތެވެ. އޮތީ މުއްދަތު ހަމަވާން ކައިރިވެފައި އޮތް އެއްބަސްވުމެއް ކަމަށް ވެސް މައުލޫމަތު ލިބިފަ ވެއެވެ. އަދި ގިނަ ދުވަސްތަކެއް ވެފައިވާ ދެ ޓާމިނަލް ތަޅާލަންވެސް އޮތީ ޖެހިފަ އެވެ. ދިގު މުއްދަތެއްގެ އެއްބަސްވުމެއް ނެތި، މިހާބޮޑު އަގަކަށް ވިޔަފާރި އެއް ގަނެ ވިއްކާނީ ވަރަށް ބޮޑު ޔަގީން ކަމެއް ވެސް އެ ބަޔަކަށް އޮވެގެންނެވެ. އެހެންކަމުން ސަރުކާރު ނުވަތަ އެމްއޭސީއެލް ތެރެއިން، ޓީއެމްއޭ އަށް މި ވިޔަފާރި ރަައްކާތެރިކޮށް ދިނުމަކީ އެކުންފުނީގެ ރާއްޖޭގެ އޯނަރުން ގެ ޒިންމާއެއްގެ ގޮތަށް އޮތުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އިންޑްސްޓްރީގެ ބައެއް ބޭފުޅުން ވިދާޅުވި ގޮތުން ސީޕްލޭން އޮޕަރޭޓަރުންނަށް ލައުންޖު ޖާގަ ކުއްޔަށް ދިނުމުން، ކޮމްޕެޓިޝަނަށް އޮތް ފުރުސަތު މުޅިންހެން ގެއްލޭނެ އެވެ. އެގޮތަށް ހަދައިފި ނަމަ އާ ސީޕްލޭން އޮޕަރޭޓަރުން އެކަމުގެ ތެރެއަށް ވަނުމުގެ ބޭނުމެއް ވެސް ނެތެވެ. އެއާކްރާފްޓް ތައް ހުރި ނިސްބަތުން ބަލާއިރު ކުރިންވެސް ދެންނެވިހެން އެއް ބަޔަކަށް އެތާގެ ގާތްގަޑަކަށް 70 ޕަސެންޓް ލިބިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ. ދެންތިބި އެހެން އޮޕަރޭޓަރުންނަށް ބާކީ އޮތް 30 ޕަސެންޓް ބަހާލީމައި ލިބޭ ޖާގަ ކުޑަވުމުން އެމީހުންގެ ވިޔަފާރި ފުޅާކުރުމަށް ހުރަސް އެޅޭނެއެވެ. މިއީ ކޮމްޕެޓިޝަނަށް އެޅޭ ހުރަހެއް ނުވަތަ އެންޓްރީ ބެރިއާ އެއް ކަމަށް ބެލެވެއެވެ. ކޮމްޕެޓިޝަނަށް އަލަށް ބަޔަކު ވަންނަމުން ދާއިރު އެގޮތަށް އެކަން ކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަމެއް ނޫން ކަމަށް ބައެއް ބޭފުޅުން ދެކެއެވެ. އޭގެ ސަބަބުން އެއްބަޔަކު އަބަދުވެސް މޮނޮޕޮލީ އެއް ގޮތައް އޮވެ، ރިސޯޓްތަކަށް ލިބޭ ޓްރާންސްފާ ރޭޓް ދުވަހަކު ވެސް ކުޑަ ނުކުރެވޭނެ އެވެ. މިހާރު ވެސް ބައިގަޑިއިރަށް ވުރެ ކުރު ދަތުރަކަށް، ބޮލަކަށް ގާތްގަޑަކަށް 500 ނުވަތަ 600 ޑޮލަރު ޗާޖްކުރެ އެވެ.
ސީޕްލޭން އޮޕަރޭޓަރުން ރިސޯޓް ޓްރާންސްފާ ކޮންޓްރެކްޓް ތައް، ރިސޯޓްތަކުން މިހާރު ހޯދަނީ 'ބާގެއިނިން ޗިޕަކަށް' ލައުންޖް ޖާގަ ދިނުން ބޭނުން ކޮށްގެންނެވެ. ހުރިހާ ރިސޯޓް ތަކުން ވެސް ލައުންޖް ޖާގަ ކޮންމެ ގޮތެއް ހަދާފަ ވެސް ބޭނުން ވެއެވެ. ގާތްގަޑަކަށް 150 ސްކެއާ މީޓަރުގެ ލައުންޖަކަށް މަހަކު 47000 ޑޮލަރަށް ވުރެ ބޮޑުކޮށް ނަގާކަމަށް ބައެއް ރިސޯޓް ތަކުން މައުލޫމާތު ލިބިފައި ވެއެވެ. ނަމަވެސް ބައެއް ސީޕްލޭން އޮޕަރޭޓަރުންނާ ގާތް ގުޅުން އޮންނަ މަދު ރިސޯޓްތަކަށް އެހެން ގޮތްގޮތަށް ވެސް ހަދާދީފައި ހުންނަ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ބައެއް ރިސޯޓް ތަކުގެ އިސް ބޭފުޅުންގެ ފަރާތުން އެގުނެވެ. މީގެ ކުރިން ނޫސްތަކަށް ހާމަކޮށްފައިވާ ގޮތުގައި އެމްއޭސީއެލް އިން ސީޕްލޭން އޮޕަރޭޓަރުންނަށް މިހާރު ކުއްޔަށް ދީފާ ވަނީ ސްކެއާ މީޓަރަކަށް ގާތްގަޑަކަށް މަހަކު 10 ޑޮލަރެވެ. ނަމަވެސް މާލޭގެ ކޮމާޝަން ރޭޓަށް ބެލިއަސް ސްކެއާ މީޓަރަކަށް މަހަކު 48 ޑޮލަރުގެ ރޭޓަށް ވުރެ މަތިން ތަންތަން ކުއްޔަށް ދީފައި އެބަހުއްޓެވެ.
އާ ޓާމިނަލް އެމްއޭސީއެލް އިން ހިންގީމައި ވަނީ ކިހިނެއް؟
އެމް.އޭ.ސީ.އެލް އިން ސީދާ ރިސޯޓްތަކަށް ކުއްޔަށް ދިނީމައި، ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ބޮޑު އެޑްވާންޓޭޖެއް ނޯންނާނެއެވެ. އޭރުން ކުރިއަރާނީ ރިސޯޓްތަކަށް އެންމެ ރަނގަޅު ޓްރާންސްފާ ރޭޓެއް ދީގެން، އެންމެ ރަނގަޅު ޚިދުމަތެއް ދޭ ސީޕްލޭން އޮޕަރޭޓަރެކެވެ. ކޮމްޕެޓިޝަނުގެ ބޭނުމަކީވެސް އެއީ އެވެ. އޭރުން ލައުުންޖްގެ ޖާގަ ބޮޑުކޮށް ލިބުނީމާ އެ ޖާގަ ވިއްކައިގެން ވަކި އެއް ބަޔަކަށް ޚާއްސަ ފައިދާ އެއް ނުވެ، ޓޫރިޒަމް އިންޑަސްޓްރީއަށް ނުވަތަ އެތަން ބޭނުންކުރާ ހުރިހާ ރިސޯޓްތަކަށް މިފައިދާ ބެހިގެން ދާނެއެވެ. އަދި އެމްއޭސީއެލް އިން ސީދާ ރިސޯޓްތަކަށް ކުށްޔަށް ދިނީމާ، ހީވެސް ނުކުރާ ވަރުގެ ބޮޑު ފައިދާއެއް ދައުލަތައް ވެގެން ދާނެއެވެ. އެމްއޭސީއެލް އަށް މިހާރު އަހަރަކު ލިބޭ ސާފު ފައިދާގެ ގާތްގަޑަކަށް 45 ޕަސެންޓާ އެއްވަރު ފައިދާއެއް، އާ ސީޕްލޭން ޓާމިނަލްގެ މުޅި އޮޕަރޭޝަނުން މަދުވެގެން ލިބޭނެ ކަމަށް އިންޑަސްޓްރީގެ ތަޖުރިބާކާރު ބައެއް ބޭފުޅުން ވިދާޅުވިއެވެ. ކިތަންމެ ބޮޑު އިންވެސްޓްމަންޓް ތަކެއް ކުރިއަސް، އެއަރޕޯޓުން މިހާރު ހިންގާ އެހެން ޕްރޮޖެކްޓަކުން ސީޕްލޭން ޓާމިނަލް އިން ލިބޭ ފައިދާ އާއި ގާތްކުރާ ވަރުގެ އެއްޗެއްވެސް ނުލިބޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.
އެހެންކަމުން އެއަރޕޯޓް ފަދަ މާކެޓް ވެލިއޫ ހުރި ތަނަކަށް ބަލާއިރު މާކެޓް ބޭސް ހަމައަގު ދައުލަތަށް ލިބުން ލާޒިމެވެ. މިފަދަ ބޮޑު އާމްދަނީ ދައުލަތައް ލިބުމުގެ ފުރުސަތު އޮންނަ ޕްރޮޖެކްޓް ތައް ވަރަށް މަދުން ނޫނީ ނެތެވެ. އަދި ޑެފިސިޓް ބަޖެޓެއްގެ ކޭޝްފްލޯ ދަތިކޮށް މެނޭޖްކޮށް ސަރުކާރު ހިންގަމުން ދާއިރު، މިދެކެވެނީ ވަރަށް ބޮޑު ވާހަކައެކެވެ. މިއީ ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާ ތަކުން ރަނގަޅަށް ބަލަންޖެހޭ ކަމެކެވެ. އިންޑަސްޓްރީގެ ހުރިހާ ފަރާތް ތަކުން ވެސް އެކަމާ އުޅެންޖެހޭ ކަމެކެވެ.
ރާއްޖޭގައި ކަންތައް ހިނގާ ބީދައިން ބަލާނަމަ 3 އަހަރު ފަހުން ސީޕްލޭން ޓަމިނަލް އަނބުރާ އެމްއޭސީއެލް އަށް ނަގާނެ ނުވަތަ ނެގޭނެ ގޮތެއް އެއީ މުސްތަޙީލު ނުވަތަ ނުވާނެ ކަމެއްކަން އެނގިތިބެ, މިދެންނެވި ގޮތަށް އެކަން ކުރުމުން އަގު ނުކުރެވޭ ފަދަ ގެއްލުމެއް ދައުލަތަށް ލިބޭނޭ ކަމަށް އިންޑަސްޓްރީގެ ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެމްއޭސީއެލް އިން މިހާރުވެސް ބައެއް ފަރާތްތަކަށް މައި ޓާމިނަލް ސަރަހައްދުން ހުސް ޖާގަ ކުއްޔަށް ދީފައިވާ ރޭޓުން ބަލާއިރު، މި ސީޕްލޭން ޓާމިނަލްގެ ލައުންޖް ތަކުން އެކަނިވެސް އަހަރަކު މަދުވެގެން 35 މިލިއަން ޑޮލަރު (540 މިލިޔަން ރުފިޔާ) ސާފު ފައިދާ ގޮތުގައި ލިބޭނެކަމަށް ބައެއް ބޭފުޅުން ވިދާޅުވިއެވެ. އަދި މީގެ އިތުރުން، ސީޕްލޭން ތަކަށާއި، އެ ޓާމިނަލް ބޭނުންކުރާ ފަސިޖަރުންނަށް އެތަނުން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތް ތަކުންނާއި އެތާ ހިންގާ އެހެނިހެން ވިޔަފާރި ތަކުން ލިބޭ އާމްދަނީ އިން، އެންމެ ފެންވަރު ރަނގަޅަށް އެޓާމިނަލް ހިންގުމުގެ ހުރިހާ ޚަރަދެއް ކަނޑާ، އިތުރަށް އެތައް ފައިދާއެއް ވާނޭ ކަމުގެ ޔަގީންކަން އޮތްކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ.
ހަމައެކަނި ލައުންޖް ތަކުން ލިބޭ ފައިދާގެ މި އަދަދަށް ބެލިކަމުގައި ވިޔަސް، ދެ އަހަރު ދުވަހުން، އެމްއެމްޕީއާރުސީ އިން ވަގަށްނެގި ފައިސާގެ އަދަދާއި އެއްވަރު ވެއެވެ. ދިގު މުއްދަތެއްގައި މިގެއްލުން ގުނާ އަދަދު ނުކުރެވޭނެ އެވެ. ވީއިރު މިދެކެވެނީ އާދައިގެ ވާހަކައެއް ނޫންނެވެ. އެމްއެމްޕީއާރުސީ ގެ ވާހަކަ އަބަދު ދައްކަ ދައްކާ ތިބުމުގެ ބަދަލުގައި އެއަށް ވުރެ ބޮޑު ގެއްލުމެއް ދައުލަތަށް ނުވަތަ ރައްޔިތުންނަށް ލިބޭ ކަންކަމުގެ ވާހަކަވެސް ދައްކަން އެބަޖެހެއެވެ. އަދި އެފަދަ ކަންތައް ތަކަށް އެއްމެން ވެސް ސަމާލުވާން އެބަޖެއެވެ. ސީޕްލޭންގެ ކަންކަން ނިންމަން ކޮންމެ ބަޔަކު ތިބި ނަމަވެސް، ޒީރޯޓޮލަރެސްގެ ދަށުން މިކަން ރަގަޅަށް ބައްލަވާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ވެސް އިންޑަސްޓްރީގެ ބައެއް ބޭފުޅުން ވިދާޅުވި އެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވެސް މިކަން އެހާ ފަސޭހަކޮށް ދޫކޮށް ނުލައްވާނެ ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.