ދަރުސް ދިނުމުގެ ހުއްދަ ބާތިލުކޮށް، ހަރުކަށި ފިކުރާ ދެކޮޅަށް ފެށުނީއްސުރެ ބަސްބުނަމުން ދިޔަ މީހާގެ އަޑު އިސްލާމިކް މިނިސްޓްރީން ކަނޑުވާލާފައިވާ ކަމަށް، އެ މިނިސްޓްރީން ހުއްދަ ބާތިލުކުރި މީހުންގެ ތެރޭގައި ހިމެނޭ މުހައްމަދު ހަސަން ބުނެފިއެވެ.

ގދ. ތިނަދޫ / ރެޑްސީ، މުހައްމަދު ހަސަން މިހެން ބުނީ،، އޭނާގެ މައްޗަށް ހަރުކަށި ފިކުރުުގެ ތުހުމަތުކޮށް މީޑިއާތަކުގައި ވާހަކަ ދެކެވެމުންދާ ކަމަށާއި، އެކަން ދޮގު ކުރާ ކަމަށް ބުނެ ނެރުނު ނޫސްބަޔާނެއްގައެވެ.

އޭނާ ބުނީ، 2009 ގައި މަދީނާ ޔުނިވާސިޓީން އިލްމު ހާސިލު ކުރުމަށްފަހު އެންމެ ފުރަތަމަ ދުވަހުން ފެށިގެން، އޭނާ ވަނީ އެކި ގައުމުތަކުގައިި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ޖިހާދު ކުރުމުގެ ނަމުގައި ބައިވެރިވުމާއި، އައިއެސް، ޖަބްހަތުއް ނުސްރާ، ބޮކޮ ހަރަމް، އަލްގައިދާ، ބިން ލާދިން، ޑޮޓު ފިކުރާއި މިފަދަ އެންމެހާ ހަރުކަށި ބާތިލް ފިކުރުތަކާއި ދެކޮޅަށް ނުހަނު ގަދައަށް އަޑުއުފުލާފައި ކަމަށެވެ. އަދި ނުހައްގުން މުސްލިމުން ކާފަރު ކުރުމާއި، ކޯޓުން ބޭރުގައި ކައިވެނި ކުރުމާއި، ވެރިންނާ ދެކޮޅަށް ބަޣާވާތް ކުރުމާއި، ހައްގަކާ ނުލައި ބިދުއަވެރި ކުރުމާއި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި، ހައްގަކާ ނުލައި ކޯޓުން ބޭރުގައި އަމިއްލައަށް މަރުގެ ހުކުމް ތަންފީޒު ކުރުމާއި ދީނުގެ ނަމުގައި އެހެން މީހުންގެ މުދާ ފޭރުމާއި ވައްކަން ކުރުން ފަދަ ކަންކަމާ ދެކޮޅަށް ހަރު އަޑުން އިންކާރުކޮށް ދެކޮޅު ހަދާފައިވާނެ ކަމަށް ވެސް އޭނާ ބުނެއެވެ.

އަދި ހަރުކަށި ފިކުރުތަކަށް ރާއްޖޭގައި ދައުވަތުދީ ތާއީދު ކުރާ މީހުންގެ ވާހަކަތަކަށް އޭނާ ރައްދު ދީފައިވާ ކަމަށާއި، ހަނގުރާމަތަކުގައި ބައިވެރިވުމަށް ގޮވާލައި ނިރުބަވެރި އަދި ހަރުކަށި ފިކުރުގެ ރާއްޖެއިން ބޭރުގެ މީހުން ދީނީ ދަރުސް ދިނުމަށް ގެނައުމުން އެކަމާ ދެކޮޅަށް އަޑުއުފުލާފައިވާ ކަމަށް ވެސް މުހައްމަދު ހަސަނު ބުނެއެވެ. އޭނާ ބުނީ، މިފަދަ މީހުންގެ ސަބަބުން އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ނަމަވެސް، ހުއްޓާނުލައި އެފަދަ އަމަލުތަކުގެ ހަގީގަތް ބަޔާންކޮށް، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އެކަން އެންގުމުގައި އޭނާ ދެމިހުރި ކަމަށެވެ. އަދި މިކަންކަމަށް ޝެއިހް އަހްމަދު ތައުފީގާއި، ޝެއިހް މުހައްމަދު ރިފާދު އަދި ޝެއިހް ސަލްމާން ރަޝީދުގެ އިތުރުން ޝެއިހް އަބްދުލް ފައްތާހް އަބްދުލް ހަމީދު ހެކިވާނެ ކަމަށް ވެސް އޭނާ ބުނެއެވެ.

ހަރުކަށި ފިކުރުގެ ތުހުމަތު މުހައްމަދު ހަސަނުގެ މައްޗަށް އުފުލާފައިވާ ކަމަށް އޭނާ ބުނާއިރު އިސްލާމިކް މިނިސްޓްރީން އޭނާއަށް ދީފައިވާ ހުއްދަ ހިފަހައްޓާފައި ވަނީ އިސްލާމްދީނުގެ ދަންނަބޭކަލުންގެ މެދުގައި ހިޔާލު އުފެދިފައިވާ މައްސަލަތަކާއި ބެހޭގޮތުން މުޖުތަމައުގައި ބައިބައިވުމާއި ފިތުނަފަސާދައަށް މަގުފަހިވާނޭހެން ވާހަކަދައްކާތީ ކަމަށް ބުނެއެވެ. އަދި އޭނާ ދަނީ ދީނީ އިލްމުވެރިންނާ މެދު ހަގީގަތާއި ހިލާފު ވާހަކަތައް ފެތުރުމާއި ދަންނަބޭކަލުންގެ އިޖުމާއުން އެނގެން ނެތް ކަންކަމުގައި ތިމާ އަމިއްލައަށް ދެކޭގޮތަކީ އިސްލާމްދީނުގައި ހަމައެކަނި އޮތް ގޮތް ކަމުގައި ހަދައި އެގޮތަށް ބާރުއަޅާއި ވާހަކަދައްކަމުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އޭނާ މި މޭރުމުން ސޯޝަލްމީޑިއާގައި މައުލޫމާތު ފަތުރަމުންދާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށްވެސް ބުންޏެވެ.