ލ. ހިތަދޫ ސިއްހީ މަރުކަޒުގެ ހިދުމަތުގެ 50 އަހަރު ފުރި، ރަން ޔޫބީލް ފާހަގަ ކޮށްފިއެވެ.

ހިތަދޫ ސިއްހީ މަރުކަޒުގެ ރަން ޔޫބީލް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަދި ދައުލަތުގެ ބައެއް ވަޒީރުންނާއި ލ އަތޮޅުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެއެވެ. މި ރަސްމިއްޔާތުގައި ހިތަދޫ ސިއްހީ މަރުކަޒުގެ ފަރާތުން ރައީސް ސޯލިހަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

މީގެ 50 އަހަރު ކުރިން، ހިތަދޫގައި ސިއްހީ ހިދުމަތް ފަށާފައިވަނީ ޑިސެންބަރު 1، 1969 ވަނަ ދުވަހު ހެލްތް ސެންޓަރެއްގެ ގޮތުގައި އެންމެ ހެލްތް އެސިސްޓެންޓަކާއެކުއެވެ. ހެލްތް ސެންޓަރަށް ފުރަތަމަ ޑޮކްޓަރެއްގެ ހިދުމަތް ލިބެން ފެށިފައިވަނީ ޖޫން 9، 1997 ގައެވެ. ހިތަދޫ ސިއްހީ މަރުކަޒަކީ، މިހާރު 29 މުވައްޒަފުންނާއެކު 24 ގަޑިއިރަށް ހިދުމަތް ދެމުން ގެންދާ ލެވެލް 3 ގެ ސިއްހީ މަރުކަޒެކެވެ.

މިހާރު ހިތަދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތާއި ބަލިމީހުން ބަލާ ފަރުވާދިނުމާއި އެޑްމިޓް ކުރާނެ ވާޑަކާއި ވިއްސާ ކޮޓަރިއެއް ހުރެއެވެ. އަދި ޕަބްލިކް ހެލްތު ޕްރޮގްރާމް ކުރިޔަށް ގެންދިޔުމުގެ އިތުރުން މިހާރު މޯބައިލް ލެބޯޓަރީގެ ދަށުން މާމެންދޫ، ކުނަހަންދޫގެ ހެލްތް ސެންޓަރުތަކުން ބްލަޑް ސާމްޕަލް ފޮނުވުމުން ޓެސްޓު ހެދުމަށްފަހު އޭގެ ނަތީޖާ ހިތަދޫ ހެލްތު ސެންޓަރުން އެ މަރުކަޒުތަކަށް ފޯރުކޮށްދެއެވެ. މީގެއިތުރުން ކުޑަކުދިންނަށާއި މާބަނޑުމީހުނަށް ވެކްސިންދިނުމުގެ ހިދުމަތް ކުރިއަށްގެންދެވެއެވެ.