ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ރ. މަޑުއްވަރީގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ހިންގާ ހާއްސަ އޮޕަރޭޝަނުގައި މަޑުއްވަރީން އިއްޔެ ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ އިއްޔެ ބަންދު ކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައި ވާ ކަމަށެވެ.
އަދި އެމީހުން ބައިތިއްބާނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ކަމަށް ވެސް ބުނެއެވެ.
އެ އޮޕަރޭޝަންގައި ތިން ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު ފުލުހުން ބުނެފައިވަނީ އެ އޮޕަރޭޝަނުގައި ހައްޔަރު ކުރި ތިން މީހުންނަކީވެސް މަޑުއްވަރީ މީހުން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، 30 އަހަރާއި، 34 އަހަރު އަދި 29 އަހަރުގެ ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެއެވެ.
ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ހިންގާ ހާއްސަ އޮޕަރޭޝަނުގައި މަޑުއްވަރީގެ 6 ގެއަކާއި ދޯންޏެއް މިހާތަނަށް ބަލާ ފާސްކުރެވިފައި ވާ ކަމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ މިހާރު ކުރިއަށްދާ އަދި އަންނަ ހަފްތާއަށްވެސް ދެމިގެން ދާނެ އޮޕަރޭޝަނެއް ކަމަށެވެ.