ލުބްނާނުގެ އާ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ މަގާމުން ފެނިވަޑައި ނުގަންނަވާނެ ކަމަށް ލުބްނާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ވަގުތީ ގޮތުން ހުންނެވި ސާދު ހަރީރީ ވިދާޅުވެއްޖެއެވެ.
މިފަދަ މޭރުމަކުން ހަރީރީ ވާހަކަފުޅު ދައްކަވާފައި މިވަނީ ސަރުކާރާ ދެކޮޅަށް ލުބްނާނުގައި ކުރިއަށް ގެންދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވިތާ 50 ދުވަސް ފަހުންނެވެ.
ހަރީރީ އިތުރަށް ވިދާޅުވީ ލުބްނާނުގެ އާ ބޮޑުވަޒީރަކު އައްޔަން ކުރުމަށް ކުރިއަށްދާ މަސައްކަތްތަކުގައި ބައިވެރިވެވަޑައި ގަންނަވާނެ ކަމަށެވެ. މިމަޝްވަރާތަކަކީ ލުބްނާނުގެ ރައީޝް މިޝެލް އައޫންއާއި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކެކެވެ.
މިއަދު ހެނދުނުން ފަށައިގެން މިމަޝްވަރާތައް ކުރިއަށް ގެންދާއިރު، މާ ލަސްތަކެއް ނުވެ ލުބްނާނުގެ އާ ބޮޑުވަޒީރު ކަނޑައެޅުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ހަރީރީ ވަނީ ވިދާޅުވެފައެވެ. ކަންމިހެން އޮތްއިރު، ލުބްނާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުން ފެންނާނެ ލީޑަރެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.
މަޝްވަރާތަކުގެ ތެރެއިން ކެންޑިޑޭޓެއްގެ ނަން ފާސްވިކަމުގައި ވީ ނަމަވެސް، އެމީހަކަށް ލުބްނާނުގެ ބޮޑުވަޒީރުކަން ކަށަވަރުވާނީ 128 މެމްބަރުންގެ މައްޗަށް އެކުލެވޭ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ކަށަވަރުވެގެންނެވެ.