އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައި ވަރުގަދަ އަލިފާންގަނޑުތަކެއް ރޯވަމުން ދަނިކޮށް އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން އަލިފާންގަނޑު އިތުރަށް ފެތުރުމުގެ ބިރު ބޮޑުވެ، އެގައުމުގެ ބައެއް ސަރަހައްދުތަކުގައި ކުއްލި ހާލަތު އިއުލާންކޮށްފިއެވެ.
ރެކޯޑް މިންވަރަކަށް ހޫނު ގަދަވެގެން ދިއުމާއެކު އަލިފާންގަނޑު އިތުރަށް ފެތުރިދާނެކަމުގެ ބިރަށްޓަކައި ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ ނިއު ސައުތް ވޭލްސް ސަރަހައްދުގައެވެ.
މިދިޔަ އަންގާރަ ދުވަހުވެސް އޮސްޓްރޭލިއާގެ ބައެއް ހިސާބުތަކުގެ ފިނި ހޫނު މިން 40 ޑިގްރީޒްއަށްވުރެ މައްޗަށް އަރާފައިވާއިރު މިއަދުގެ ހޫނުމިން އަދިވެސް އިތުރަށް މައްޗަށް ދިއުން އެކަށީގެންވާކަމަށް ލަފާކުރެވެއެވެ.
އޮސްޓްރޭލިއާގެ ކަމާ ބެހޭ ފަރާތްތަކުން މިހާރުވެސް ދަނީ ނިއު ސައުތް ވޭލްސް ސަރަހައްދުގައި ރޯވެފައިވާ 100 އެއްހާ އަލިފާންގަނޑާ ހަނގުރާމަ ކުރަމުންނެވެ. މި އަލިފާންގަނޑުތައް ރޯވެފައިވާތާ އެތައް މަހެއް ވެފައިވާއިރު، ހޫނުގަދަވެ، ވައި ގަދަވުމުގެ ސަބަބުން އަލިފާންގަނޑުގެ ނުރައްކާ އިތުރަށް ބޮޑުވުމުގެ ފުރުސަތު އޮވެއެވެ.