ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ރ. މަޑުއްވަރީގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ހިންގާ ހާއްސަ އޮޕަރޭޝަނުގައި މަޑުއްވަރީގެ 6 ގެއެއް މިހާތަނަށް ބަލާ ފާސްކުރެވިފައި ވާ ކަމަށާއި އޭގެ އިތުރުން ދޯންޏެއްވެސް ބަލާ ފާސް ކުރެވިފައި ވާ ކަމަށް ޗީފް ސްޕްރިންޓެންޑް އޮފް ޕޮލިސް މުހައްމަދު ބަޝީރް ވިދާޅުވެއްޖެއެވެ.
ބަޝީރް މިހެން ވިދާޅުވެފައި ވަނީ މި އޮޕްރޭޝަނުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ 6 ގެއަކާއި ދޯންޏެއް ބަލާ ފާސަކުރެވިފާ ވާއިރު، މި މައްސަލައާއި ގުޅުން ހުރި ހެކީގެ ގޮތުގައި ބެލެވޭ ވަރަށް ގިނަ އިލެކްޓްރޯނިކް އާލާތްތަށް ފުލުހުންނަށް ލިބިފައި ވާ ކަމަށެވެ. މީގެ އިތުރުން ސައްހަ ނޫން ކަމަށް ބެލެވޭ ކައިވެނީގެ ސެޓްފިކެޓެއްވެސް ފުލުހުންނަށް ލިބިފައި ވާ ކަމަށް ބުނެއެވެ.
އޭނާ ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ގަބޫލު ކުރާ ގޮތުގައި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށާއި އެމީހުންގެ ހަރުކަށި ފިކުރު ގަބޫލު ނުކުރާ މީހުންގެ މުދަލާއި ނަފްސު އަދި ފުރާނައަކީ ގެއްލުން ދެނިދާނެ އެެއްޗެއް ކަމަށް އެމީހުން ގަބޫލު ކުރާ ކަމުގައި ފުލުން ބުނެފައިވެއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެ ފިކުރުގެ މީހުން ގަބޫލު ކުރާ ގޮތުގައި ޝަރުއީ އަދި ގާނޫނީ ކައިވެނީގެ އިމުގެ ބޭރުން އުމުރުން 18 އަހަރު ނުވާ ކުދިން އެ މީހުންގެ އަނބިންގެ ގޮތުގައި ގެންގުޅުމާއި އެ ކުދިންނާ އެކު ޖިންސީ ގުޅުން ހިންގުމަކީ ހުއްދަ ކަމެއްގެ ގޮތުގައި ގަބޫލު ކުރާ ކަމަށްވެސް ފުލުހުނަގެ ތަހުގީގަށް މައުލޫމާތު ލިބިފައި ވާ ކަމަށެވެ
އަދި ކުޑަކުދިންނާއި އަންހެނުންނަށް އެ މީހުންނަށް ލިބިދޭންޖެހޭ ހައްގުތަކުން މަހުރޫމު ކޮށްގެން ގެންގުޅުމަކީ އެ ފިކުރުގެ މީހުންގެ ތެރޭގައި ހިންގަމުންދާ ކަންތައްތަކެއް ކަމަށްވެސް އޭނާ ބުނެއެވެ.
މަޑުއްވަރީގެ ގެތައް ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނުގައި ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމައާ ވަކިކޮށް، ކުޑަކުދިންނަށް ސިއްހީގޮތުން ދިނުމަށް ލާޒިމުކުރާ ވެކްސިން ނުދީ، ތައުލީމު ހާސިލު ކުރުމުގެ ހައްގުން މަހުރޫމު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިހާތަނަށް އެ އޮޕަރޭޝަންގައި ތިން ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. ފުލުހުން ބުނެފައިވަނީ އެ އޮޕަރޭޝަނުގައި ހައްޔަރު ކުރި ތިން މީހުންނަކީވެސް މަޑުއްވަރީ މީހުން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، 30 އަހަރާއި، 34 އަހަރު އަދި 29 އަހަރުގެ ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ މިހާރު ކުރިއަށްދާ އަދި އަންނަ ހަފްތާއަށްވެސް ދެމިގެން ދާނެ އޮޕަރޭޝަނެއް ކަމަށެވެ.
އަދި ހެއްވާ ކަމަކީ މިއެއްޗެހިން ވެސް މި އެމްޑީޕީ އަށް ސަޕޯރޓް ކުރާ ބަޔަކަށް ވާކަން...