ދިވެހިރާއްޖެއިން އެހެން ގައުމުތަކަށް ހަނގުރާމައަށް ދާ 70 ޕަސެންޓް މީހުންނަކީ ކުށުގެ ރެކޯޑު އޮންްނަ މީހުން ކަމަށް ފުލުހުން ބުނެފިއެވެ.

ޕީއެސްއެމް ގެ ޓީވީގައި ވާހަކަ ދައްކަމުން ފުލުހުން ބުނީ ރާއްޖެއިން ހަނގުރާމަ ތަކަށް ދާ ދިވެހިންގެ ތެރޭގައި ގިނައީ ކުށުގެ ރެކޯޑު އޮންނަ ފަރާތްތަށް ކަމަށެވެ. އަދި މިފަދަ ފަރާތް ތަކުން ގޭންގް ތަކާ ގުޅިގެން ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށްވެސް ބުނެފައި ވެއެވެ.

ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް ކްރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" މަހާސިންތާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ހަމީދު ވިދާޅުވެފައި ވަނީ ސީރިޔާ އާއި އިރާގުގައި ހިނގަމުން ދާ، ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދާން 423 ދިވެއްސަކު މަސައްކަތް ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަން ކާމިޔާބުވެ ސީރިޔާ އަދި އިރާގަށް ދެވުނީ، 173 ދިވެއްސަކަށް ކަމަށްވެސް ކޮމިޝަނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އަފްގާނިސްތާނާއި ޕާކިންސާންގައި ހިނގި ހަމަނުޖެހުމާއި ހަރުކަށި އަމަލުތަކުގެ ތެރޭގައިވެސް އެތައް ސަތޭކަ ދިވެހިން ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން އެނބުރި ރާއްޖެ އައިސް އެ ފިކުރު ފެތުރުމުގެ މަސައްކަތްތަކެއް ކުރާ ކަމުގެ މައުލޫމާތުވެސް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ރ. މަޑުއްވަރީގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން މިހާރު ހިންގާ ހާއްސަ އޮޕަރޭޝަންގައި މިރެއާ ހަމައަށް 3 މީހުން ހައްޔަރު ކޮށްފައި ވާއިރު، ސަލަމަތީ ބާރުތަކުން ބުނެފައިވަނީ ރާއްޖޭގައި ހަރުކަށި ފިކުރުގެ 1570 މީހުން އެބައުޅޭ ކަމަށެވެ.