ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ރ. މަޑުއްވަރީގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ހިންގާ ހާއްސަ އޮޕަރޭޝަނުގައި ދެވަނަ މީހަކު ހައްޔަރުކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ދެވަނަ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު އިރުއޮށްސި 6:04 ގައި ކަމަށެވެ. އަދި ހައްޔަރު ކޮށްފައި ވަނީ 34 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ އޮޕަރޭޝަންގައި މިއަދު މެންދުރު ވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

މަޑުއްވަރީގެ ގެތައް ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ފުލުހުން މިއަދު ފަށާފައި ވަނީ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަށް ހިންގާ މަސައްކަތާ ދެކޮޅަށެވެ.

ފުލުހުން ބުނީ، މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމް ތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު ދަނީ އަންހެނުންނާއި ކުޑަކުދިން، ހައްގުތަކުން މަހުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމައުއާ ވަކިކޮށް، ކުޑަކުދިންނަށް ސިއްހީގޮތުން ދިނުމަށް ލާޒިމުކުރާ ވެކްސިން ނުދީ، ތައުލީމު ހާސިލު ކުރުމުގެ ހައްގުން މަހުރޫމު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މަޑުއްވަރީގައި ކައިވެނިކޮށްގެން ކަމަށް ބުނެ، ކުޑަކުދިން ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ މީހުން ވަނީ ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅުން ހުރި ސިއްހީ އިންތިޒާމްތަކާއި ހައްގުތަކުން އަންހެނުން މަހުރޫމުކޮށް އެފަދަ އަންހެނުންގެ ފުރާނައާއި ސިއްހަތު ނުރައްކާތެރި ހާލަތްތަކަށް ހުށަހަޅާފައި ކަމަށެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ހަރުކަށި ފިކުރު ފަތުރާ، އެ ފިކުރަށް ތަބާވެފައިވާ ފަރާތްތައް ހޯދާ ދެނެގަނެ، އެރަށުގެ އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް ހިންގާ ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ.