ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީ އިންތިހާބަށް ކުރިމަތިލުމަށް މުއްދަތު އިތުރު ކޮށްފައި ވާކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން ބުނީ އެ ޕާޓީ 3 ވަނަ ދައުރަކަށް ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީ އަލުން ހޮވުމަށްޓަކައި، ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަން އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ކަމަށެވެ.

ދާއިރާ ރައީސުންގެ އިންތިހާބު އޮންނަ ދާއިރާތަށް:

  • ހަނިމާދޫ ދާއިރާ
  • ވައިކަރަދޫ ދާއިރާ
  • ކުޅުދުއްފުށީ އުތުރު ދާއިރާ
  • ކުޅުދުއްފުށީ ދެކުނު ދާއިރާ
  • މަކުނުދޫ ދާއިރާ
  • ފުނަދޫ ދާއިރާ
  • އިނގުރައިދޫ ދާއިރާ
  • ކާށިދޫ ދާއިރާ
  • ކިނބިދޫ ދާއިރާ
  • ގަމު ދާއިރާ
  • ފުވައްމުލަކު އުތުރު ދާއިރާ
  • ހިތަދޫ އުތުރު ދާއިރާ
  • މައްޗަންގޮޅީ މެދު ދާއިރާ

ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިހާބުތައް ބޭއްވޭނީ 82 ރަށެއްގައި ކަމަށް ވެސް އަދާލަތުން މައުލޫމާތު ދެއެވެ.

މި އިންތިހާބަށް ހުޅުވާލެވޭ ގޮފީގެ ހިންގާ ކޮމިޓީގެ މަގާމު ތަކަކީ:

  • ރައީސް އާއި ނައިބު ރައީސް
  • ސެކްރެޓަރީ
  • ސެކްރެޓަރީގެ ނައިބު
  • ހަޒާންދާރު
  • މީޑިއާ ކޯޑިނޭޓަރު

ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު 5 ޖަނަވަރީ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހުގެ 3:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ވެސް އެ ޕާޓީން މައުލޫމާތު ދެއެވެ. އަދި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އިންތިހާބަށް ކުރިމަތިލުމަށް އެދެން ވާނީ އެކަމަށް އިންތިހާބީ ކަންތައްތަކާ ބެހޭ ކޮމިޓީގެ ފަރާތުން ހާއްސަ ކޮށްފައިވާ ފޯމް މެދުވެރިކޮށް ކަމަށް އަދާލަތު ޕާޓީން މައުލޫމާތު ދެއެވެ.

އެ ފޯމް އެ ޕާޓީގެ ވެބްސައިޓާއި ޕާޓީގެ މައި އޮފީހުން ލިބެން ހުންނާނެ ކަމަށާއި އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.

އަދާލަތު ޕާޓީގެ ގޮފިތަކުގެ އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 1، 2020 ވާ ހޮނިހިރު ދުވަހުގެ މެންދުރު 1:00 އިން 3:00 ގެ ނިޔަލަށް ކަމަށްވެސް އަދާލަތު ޕާޓީން ބުނެއެވެ.