ރާއްޖޭގައި ދީނީ ތަގުރީރު ކުރުމާއި ވައުޒު ބުނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން 3 މީހަކަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ހިފަހައްޓައިފިއެވެ.

މި ތިން މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދާސުން ހެދިފައިވާ ގަވާއިދުގެ ދަށުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ހުއްދަ ހިފަހައްޓާފައިވާ ތިން މީހުން:

  • އަބްދުއްރަހީމް މުހައްމަދު، މަނަދޫގެ، ނ. ޅޮހި
  • ޖައުފަރު ފާއިޒު، ދެކުނުގެ، ސ. މީދޫ
  • މުހައްމަދު ހަސަން، ރެޑްސީ، ގދ. ތިނަދޫ

އިސްލާމިކް މިނިސްޓްރީން ބުނީ އަބްދުއްރަހީމް މުހައްމަދާއި ޖައުފަރު ފާއިޒަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައި ވަނީ އާންމުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެއްދުމަށް މަސައްކަތް ކުރާތީ ކަމަށެވެ. އަދި މި ދެ މީހުން ދަނީ އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކަށް މަގުފަހިވާގޮތަށް ދީނުގެ ނަމުގައި ވާހަކަދައްކާ، ރާއްޖެއިން ބޭރުގައި ހިނގަމުންދާ ދާހިލީ ހަނގުރަމަތަކުގައި ބައިވެރިވުމަށް ހިތްވަރުލިބޭނެހެން ދީނުގެ ނަމުގައި ވާހަކަ ދައްކަމުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މުހައްމަދު ހަސަނަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައި ވަނީ އިސްލާމްދީނުގެ ދަންނަބޭކަލުންގެ މެދުގައި ހިޔާލު އުފެދިފައިވާ މައްސަލަތަކާއި ބެހޭގޮތުން މުޖުތަމައުގައި ބައިބައިވުމާއި ފިތުނަފަސާދައަށް މަގުފަހިވާނޭހެން ވާހަކަދައްކާތީ ކަމަށެވެ. އަދި އޭނާ ދަނީ ދީނީ އިލްމުވެރިންނާއި މެދު ހަގީގަތާއި ހިލާފު ވާހަކަތައް ފެތުރުމާއި ދަންނަބޭކަލުންގެ އިޖުމާއުން އެނގެން ނެތް ކަންކަމުގައި ތިމާ އަމިއްލައަށް ދެކޭގޮތަކީ އިސްލާމްދީނުގައި ހަމައެކަނި އޮތް ގޮތް ކަމުގައި ހަދައި އެގޮތަށް ބާރުއަޅާއި ވާހަކަދައްކަމުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އޭނާ މި މޭރުމުން ސޯޝަލްމީޑިއާގައި މައުލޫމާތު ފަތުރަމުންދާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.