އެގައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު ވައިޓް އައިލަންޑް އަލިފާން ފަރުބަދަ ގޮވި ހާދިސާއާއި ގުޅިގެން ހިންގަން ޖެހޭ ރަސްމީ އިންކުއަރީތައް އެތައް މަހަކަށް ދެމިގެން ގޮސް މިކަމަށް އަހަރެއްހާ ދުވަސް ހޭދަވެދާނެ ކަމަށާ، ނަމަވެސް ޖިނާއީ ދައުވާ ކުރަންޖެހޭ ފަރާތްތަކާ ދެކޮޅަށް އެ ދައުވާ އުފުލޭނެ ކަމަށް ނިއުޒީލަންޑްގެ ބޮޑުވަޒީރާ ޖެސީންޑާ އެޑާން ވިދާޅުވެއްޖެއެވެ.
މިހާދިސާއާއި ގުޅިގެން އެއްވެސް ބައެއްގެ މައްޗަށް ޖިނާއީ ކުށް ސާބިތުވެއްޖެނަމަ، 3 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އެމީހެއްގެ މައްޗަށް އައުން އެކަށީގެންވެއެވެ.
ކަންމިހެން އޮތްއިރު، އަލިފާން ފަރުބަދަ ގޮވި ކާރިސާއާއި ގުޅިގެން ގެއްލުންވި ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 3.2 ބިލިއަން ޑޮލަރުގެ ފަންޑެއް ހުޅުވިކަންވެސް އެޑާން ވަނީ އިއުލާންކުރައްވާފައެވެ.
ވައިޓް އައިލަންޑް އަލިފާން ފަރުބަދަ ގޮވި ހާދިސާއާއި ގުޅިގެން މަރުވި މީހުންގެ ރަސްމީ އަދަދު މިހާރު ވަނީ 16 އަށް އިތުރުކޮށްފައެވެ. އެއީ ވީނުވީއެއް ނޭނގި އަދިވެސް ހޯދާ ނުފެނިފައިވާ 2 މީހުންވެސް ހިމަނައިގެންނެވެ. ބެލެވޭ ގޮތުގައި، އެމީހުންގެ ހަށިގަނޑުތައް ވަނީ ވައިޓް އައިލަންޑް އަލިފާންފަރުބަދަ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައެވެ.
މިހާދިސާއާއި ގުޅިގެން 26 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު 20 މީހަކަށް ފަރުވާދެމުންދަނީ އައިސީޔޫތަކުގައި ކަމަށް މައުލޫމާތު ލިބެއެވެ.
ވައިޓް އައިލަންޑް އަލިފާން ފަރުބަދައަކީ އޭގެ ޒާތުގައިވެސް ހަރަކާތްތެރި އަލިފާން ފަރުބަދައަކަށްވީ ހިނދުވެސް އެ އަލިފާން ފަރުބަދައާއި ކައިރިއަށް މީހުންނަށް ދެވޭ ގޮތަށް ހުއްދަ ދޫކޮށްގެން ފަތުރުވެރިކަން ކުރަމުންދާ ކަމީ، މިއަދު އެންމެ ގިނަ ބަޔަކު ނިއުޒީލަންޑްގެ ކަމާބެހޭ ފަރާތްތަކާ ސުވާލު ކުރިމަތިކުރަމުންދާ އެންމެ ބޮޑު އެއް ކަންތަކެވެ.