އޮސްޓްރޭލިއާގެ ހުޅަނގުގެ ސަރަހައްދުތަކުގައި މިހާރު ރޯވަމުންދާ ވަރުގަދަ އަލިފާންގަނޑު އަދިވެސް ފެތުރެމުންދާއިރު، އެ އަލިފާންގަނޑުން ސަލާމަތްވުމަށް ޕިކަޕެއްގައި އަމިއްލައަށް ދުއްވަމުން ދިޔަ އުމުރުން އެންމެ 12 އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތްކޮށްފިއެވެ.

ޕާތުގެ އުތުރުން އޮންނަ މޮގަމްބާ އަވަށުގައި އޭނާ ދިރިއުޅެމުންދިޔަ ގެއަށް އަލިފާނުގެ އަސަރު ކުރަން ފެށުމުން ލޫކް ސްޓަރޮކް ސަލާމަތް ހޯދުމަށްޓަކައި، އޭނާގެ ބޭބެ ދުއްވާ ޕިކަޕްގައި ދުއްވީއެވެ. އޭރު އޭނާގެ ބައްޕަ އިވާން ސްޓަރޮކްއާއި ބޭބެ ދިޔައީ އެ ސަރަހައްދުގައި ފެތުރިފައިވާ އަލިފާންގަނޑާ ހަނގުރާމަ ކުރަމުންނެވެ. އެމީހުން ދިޔައީ، އަލިފާނުގެ އަސަރު ބޮޑު ބޮޑުވާނަމަ، އެމީހުންގެ ގެއާއި ގާތްގަނޑަކަށް 4 ކިލޯމީޓަރު ދުރުގައި ހުންނަ އޮރެންޖު ގަހެއްގެ ކައިރިއަށް ދިއުމަށް ލޫކްއަށް އިރުޝާދުވެސް ދީފައެވެ.

އަލިފާންގަނޑު ގެއާ ހިސާބަށް އައުމުން ބޭބެގެ ފޯޑް ރޭންޖާ ޕިކަޕްގައި ލޫކް ދުއްވަމުން ދިޔައީ ސަލާމަތް ހޯދާށެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ ސަމާލުކަން ލޫކްއަށް ލިބުނީ ގަޑިއެއްހާއިރު ދުއްވި ފަހުންނެވެ. އެއީ ކުޑަކުއްޖަކު ދުއްވާ ކަމަށް ޝައްކު ކުރެވިގެން އެ އުޅަނދު ހުއްޓުވި ހިސާބުންނެވެ.

ރޯވަމުންދިޔަ އަލިފާންގަނޑު ގެއާ ހިސާބަށް އައުމުން ސަލާމަތް ހޯދަން 12 އަހަރުގެ ލޫކް އެކަނި މައިއެކަނި ޕިކަޕް ދުއްވަމުން ދިޔަ ސަރަހައްދު/ފޮޓޯ: ޓްވިޓާ

ފުލުހުން ބުނި ގޮތުގައި، ދަނޑުވެރި އާއިލާއަކަށް ނިސްބަތްވާ ލޫކްއަކީ ހިތްވަރުގަދަ ކުއްޖެކެވެ. ސަލާމަތާ ހަމައަށް ނުދެވި ލޫކްއަށް ދުއްވަންޖެހުނީ ދުންގަނޑު ތެރެއިން މަންޒަރު ރަނގަޅަށް ނުފެނުމާ، ދާންވީ މިސްރާބު ސީދާ ނޭނގުމުން ކަމަށްވެއެވެ.

ލޫކް މިހާރު ހުރީ އޭނާގެ އާއިލާގެ ބެލުމުގެ ދަށުގައެވެ. ލޫކްގެ ބައްޕަވެސް އޭނާގެ ދަރިފުޅުގެ ހިތްވަރަށްޓަކައި ފަޚްރުވެރިވެއެވެ.

ލޫކްގެ އާއިލާއަށް ކުރިމަތިވި ހާދިސާއާއިއެކު އޮސްޓްރޭލިއާގެ ފުލުހުންވަނީ ރޯވަމުންދާ އަލިފާންގަނޑުގެ އަސަރު ގެއަށް ކޮށްފިނަމަ އާއިލާތަކުން ކަންކުރާނެ ގޮތް ދުރާލާ ރާވާ، އާއިލާގެ ހުރިހާ މެމްބަރުންނަށް އެކަން އަންގާފައި ބޭއްވުމަށް ގޮވާލާފައެވެ.

ސެޕްޓެމްބަރުމަހުން ފެށިގެން އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައި ރޯވަމުންދާ އަލިފާންގަނޑުތައް އަދިވެސް ކޮންޓްރޯލް ނުވެ އަނދަމުންދާއިރު، މި ހާދިސާތަކުގައި 6 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.