އެންދަމަން އުޅުނު ދިވެހި މަސްވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ ދޯންޏަކުން އެންދަމަން އުޅުމުގެ ތެރޭގައި އެ ދޯނީގެ ފަޅުވެރިޔަކު ގެނބިފައި ވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:08 ހާއިރު ފުލުހުންނަށް ލިބިފައި ވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މައުލޫމާތު ލިބިފައި ވާ ގޮތުގައި އެއީ އެ ދޯނީގެ ފަޅުވެރިއަކަށް އުޅުނު އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އެ ދޯނީގައި ބޭނުންކުރާ ބޮއެއް އޮޔާދާން ފެށުމުން އެ ބަލާ ފަތާފައި ގޮސް އެނބުރި އަންނަނިކޮށް އެ މީހާގެ ހަރަކާތް ހުއްޓިގެން ކަމަށެވެ. އަދި އެވަގުތު އެ ދޯނީގައި ތިބި މީހުން ގޮސް އޭނާ ދޯންޏަށް ނެގި އިރު އަނގައިން ފޮނު ނުކުމެފައި ހުރި ކަމަށްވެސް ފުލުހުންނަށް މައުލޫމާތު ލިބިފައި ވާ ކަމަށެވެ.

އެ ދޯނީގެ މީހުން ވަނީ އޭނާ ވަގުތުން ގއ.ވިލިގިލި ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށައި އެމީހާ ގެންދިޔަ އިރު ނިޔާވެފައި ވާ ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުން މައުލޫމާތު ދީފާއި ވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.