ނިއުޒީލަންޑަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު ވައިޓް އައިލަންޑް އަލިފާން ފަރުބަދަ ގޮވި ހާދިސާއަށް 1 ހަފުތާ ފާއިތުވީ ވަގުތާ ދިމާކޮށް، 1 މިނެޓްގެ ހަމަ ހިމޭން ކަމުގެ ސުކޫތެއް އެގައުމުން ގެނެސްފިއެވެ.

އަލިފާން ފަރުވަދަ ގޮވި ގަޑި ކަމަށްވާ ޖީއެމްޓީ ގަޑިން 01:11 (ނިއުޒީލަންޑް ގަޑިން 14:11)ގައި މިއަދު އެގައުމުގައި ހަމަ ހިމޭން ކަމުގެ ސުކޫތެއް ގެނައި އިރު، މިހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 16 އަށް އަރާފައެވެ. 2 މީހެއްގެ ހަށިގަނޑު އަދިވެސް ހޯދާ ނުފެނިފައިވާއިރު، 20 މީހަކަށް އިންޓެންސިވް ކެއާ ޔުނިޓްތަކުގައި ދަނީ ފަރުވާ ދެމުންނެވެ.

މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކުން ހަމަހިމޭންކަމުގެ ސުކޫތުގައި ބައިވެރިވީ، އަލިފާން ފަރުބަދަ ހުރި ސަރަހައްދުގައި އޮތް ފުލުހުންގެ ބޯޓެއްގެ ތެރޭގައި ތިބެގެންނެވެ.

ގައުމީ ފެންވަރުގައި ގެނައި މި ސުކޫތުގައި އެއްގަމު އުޅަނދުތައް ދުއްވާ މީހުންވެސް ބައިވެރިވިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޚަބަރުތަކަށް ބަލާއިރު، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ވަނީ މިނެޓެއްހާއިރު ވަންދެން އުޅަނދުތައް ދުއްވުން ހުއްޓާވެސްލާފައެވެ.

މިދިޔަ ހޯމަ ދުވަހު ނުރައްކާތެރި ގޮވުމަކުން އަލިފާންފަރުބަދަ ގޮވިއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 47 މީހަކު އެސަރަހައްދަށް ޒިޔާރަތްކުރަމުންދިޔައެވެ. އޭގެތެރޭގައި އޮސްޓްރޭލިއާއަށް ނިސްބަތްވާ 24 މީހުންނާ، އެމެރިކާގެ 9 މީހުންނާ، ނިއުޒީލަންޑްގެ 5 މީހުންނާ، ޖަރުމަނުވިލާތުގެ 4 މީހުންނާ ޗައިނާ 2 މީހުންނާ، އިނގިރޭސިވިލާތުގެ 2 މީހަކާ މެލޭޝިއާ މީހެއް ހިމެނެއެވެ.

މިހާދިސާގައި ގެއްލިފައިވާ މީހުންނަކީ ނިއުޒީލަންޑްއާއި ގުޅިފައިވާނެ ބައެއް ކަމަށް ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖެސީންޑާ އެޑާން ވަނީ ވިދާޅުވެފައެވެ. މަރުވި މީހުންގެ ތަފްސީލުތައް ފުލުހުން އާންމު ކުރަމުންދާއިރު، މީގެ ތެރޭގައި އުމުރުން އެންމެ 13 އަހަރުން ފެށިގެން ގޮސް 53 އަހަރުގެ މީހުންވެސް މީގެ ތެރޭގައި ހިމެނޭކަން ފާހަގަކުރެވެއެވެ.