ނިއުޒީލަންޑްއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު ވައިޓް އައިލަންޑް އަލިފާން ފަރުބަދަ ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 16 އަށް އަރައިފިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ހާދިސާއާއި ގުޅިގެން މަރުވި މީހުންގެ އަދަދު 16 އަށް އަރާފައި މިވަނީ، ފިހުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ މީހަކު މިއަދުގެ ވަގުތެއްގައި މަރުވުމުންނެވެ. އެމީހަކީ އިތުރު ފަރުވާ ދިނުމަށް އޮސްޓްރޭލިއާއަށް ގެންދިޔަ މީހަކަށްވީ ނަމަވެސް، އޭނާއަކީ ކާކުކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.

އަލިފާން ފަރުބަދަ ގޮވި ހާދިސާއާއި ގުޅިގެން 2 މީހަކަށް ވީ ނުވީ އަދިވެސް އެނގިފައި ނުވާއިރު، މިއަދުވެސް އެމީހުން ހޯދުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސަރަހައްދުން އިއްޔެގެ ވަގުތެއްގައި 1 ހަށިގަނޑު ފެނުނު ނަމަވެސް، އޮޕަރޭޝަންއަށް ހުރަސްތަކެއް ކުރަމަތިވަމުންދަނީ ފެންގަނޑު ކިލަނބުވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

މަރުވި މީހުންނަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް އޯކްލަންޑްގައި ކުރިއަށްދާއިރު، މިހާތަނަށް 4 މީހެއްގެ ނަން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި އަލިފާން ފަރުބަދަ ގޮވި ސަރަހައްދުގައި ޓުއާ ގައިޑެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ، އުމުރުން އެންމެ 24 އަހަރުގެ ޒުވާނަކުވެސް ހިމެނެއެވެ.