ލުބްނާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރިއަށްދާ ވަރުގަދަ މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް ނިކުތް އާންމު ރައްޔިތުންގެ ބަޔަކާއި، އެގައުމުގެ ރަޔަޓް ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުމެއް ހިންގައިފިއެވެ.

ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ނިކުތް އާންމުން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ކަރުނަ ގޭސް ޖެހިއިރު، އެ މީހުންނާ ރަޔަޓް ފުލުހުންނާ ދެމެދު މަގުމަތީގައި ހިންގި ކުރިމަތިލުންތައް އެތައް ގަޑިއިރަކަށް ދެމިގެންދިޔަ ކަމަށް ޚަބަރު ލިބެއެވެ.

މި ހަމަނުޖެހުންތައް ފެށުނީ މުޒާހަރާތަކާ ދެކޮޅަށް ނިކުތް އާންމުންގެ ބަޔަކު، ފުލުހުންނަށް ހަމަލާ ދިން ހިސާބުންނެވެ. އެމީހުންގެ ތެރެއިން ގިނަ މީހުން ތިބީ މޫނުވެސް ނިވާކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ. މުޒާހަރާތަކާ ދެކޮޅަށް ނިކުތް މީހުންވަނީ ފުލުހުންނާ ދިމާލަށް އޮއްގަލުގެ އިތުރުން ބަޑިބޭސްވެސް އުކާފައި ކަމަށް ޚަބަރު ލިބެއެވެ.

ފާއިތުވީ 2 މަހެއްހާ ދުވަހު ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަމުންދާ ލުބްނާނުގެ މަސްރަހު މިހާ ގޯސްވެފައިވަނީ، އާ ސަރުކާރެއް އެކުލަވާލުމަށް ލުބްނާނުގެ ސިޔާސީ ލީޑަރުން ފެއިލްވުމާ ގުޅިގެންނެވެ.

ލުބްނާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ފަރާތްތަކުން ޑިމާންޑް ކުރަމުންދަނީ ސިޔާސީ އެއްވެސް ފަރާތަކާ ގުޅުން ނެތް ފަރާތްތައް ހިމަނައިގެން ސަރުކާރެއް އެކުލަވާލުމަށެވެ.

ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ލުބްނާނުގައި އާ ސަރުކާރެއް އެކުލަވާލުމާ ބެހޭ މަތީ ފެންވަރުގެ މަޝްވަރާތަކެއް ހޯމަ ދުވަހު ކުރިއަށް ގެންދާނެއެވެ.