މިދިޔަ ހޯމަ ދުވަހު ނިއުޒީލަންޑްގެ ވައިޓް އައިލަންޑް އަލިފާން ފަރުބަދަ ގޮވި ހަދިސާއާ ގުޅިގެން އަދިވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާ 2 މީހުންގެ ހަށިގަނޑު ހޯދުމަށް، ފީނުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށް ނިއުޒީލަންޑްގެ ފުލުހުން ބުނެފިއެވެ.
ނިއުޒީލަންޑްގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި ޑައިވަރުން ހަރަކާތްތެރި ވަމުންދަނީ ވައިޓްއައިލަންޑް އަލިފާން ފަރުބަދަ ހުރި ސަރަހައްދުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައެވެ.
ނިއުޒީލަންޑްގެ ފުލުހުން ބުނީ މިއަދު 1 ހަށިގަނޑު ނަމަވެސް ނުހޯދާ ރެސްކިއު ޓީމުން އެނބުރި ރަށަށް ނުދާނެ ކަމަށެވެ.
އަލިފާން ފަރުބަދަ އަލުން ގޮވާފާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް ރެސްކިއު ޓީމުތަކުން ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ނުރައްކާތެރި އޮޕަރޭޝަނެއްގައި ވައިގެ މަގުން 6 މީހެއްގެ ހަށިގަނޑު ނަގާފައި ވާއިރު، މި ހަށިގަނޑުތައް މިހާރު ވަނީ އޯކްލަންޑަށް ގެންގޮސްފައެވެ. އަދި މިހާރު ކުރިއަށްދަނީ އެއީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް ކަމަށް ޚަބަރު ލިބެއެވެ.
ފަތުރުވެރިންގެ މެދުގައި މަގުބޫލު ވައިޓް އައިލަންޑް އަލިފާންފަރުވަދަ ގޮވީ އެ ސަރަހައްދުގައި ފަތުރުވެރިން ހަރަކާތްތެރިވަމުން ދިޔަ ވަގުތެއްގައި ކަމަށް ވާއިރު، މި ހާދިސާއާއި ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 14 އަށް އަރާފައެވެ. ޚަބަރު ލިބޭ ގޮތުގައި މިހާދިސާގައި ވަރަށް ބޮޑަށް ފިހުނު 20 މީހަކަށް ނިއުޒީލަންޑައި އޮސްޓްރޭލިއާގެ އިންޓެންސިވް ކެއާ ޔުނިޓްތަކުގައި މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.