ޑޮކްޓަރުންނާ ގާނޫނީ ވަކީލުންތަކަކާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކެއްގެ ތެރެއިން ޕާކިސްތާނުގެ ގާނޫނީ ވަކީލުންތަކެއް އެގައުމުގެ ލާހޯރުގައި ހުންނަ ހޮސްޕިޓަލަކަށް ދިން ހަމަލާތަކާ ގުޅިގެން 3 ޕޭޝަންޓެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.
ދައުރުވަމުންދާ މަންޒަރުތަކުން ފެންނަ ގޮތުގައި ގާނޫނީ ވަކީލުންވަނީ ހިތުގެ ބަލީގެ ހާއްސަ ޕަންޖާބު އިންސްޓިޓިއުޓް އޮފް ކާޑިއޮލޮޖީ (ޕީއައިސީ) ހޮސްޕިޓަލަށް ވަދެ އެތަނުގެ ވޯޑުތަކަށް ގެއްލުންދީފައެވެ. އަދި މުވައްޒަފުންނަށް ޖިސްމާނީ އަނިކާ ކުރުމުގެ އިތުރުން އެތަނުގައި އެކި އާލާތްތަކަށް ގެއްލުން ދީފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިކަމާ ބިރުން، ޑޮކްޓަރުންނާ ޕެރަމެޑިކުން ފިލި ކަމަށާ، މިއާއެކު ބަލިމީހުންނަށް އަޅާލާނެ އެއްވެސް ސިއްހީ ތަޖުރިބާކާރަކު އެތަނުގައި ނެތް ކަމަށްވެއެވެ. އެންމެ ހާލުދެރަ މީހުންނަށް ފަރުވާދޭން ތިބި ޑޮކްޓަރުންނާ ޕެރަމެޑިކުންވެސް ބިރުން ފިލިކަމަށް ޚަބަރު ލިބެއެވެ.
ހޮސްޕިޓަލުގެ މުވައްޒަފުންނާ މުދަލަށް ގެއްލުން ދެމުންދިޔަ ވަކީލުން ހުއްޓުވުމަށް ޕާކިސްތާނުގެ ރަޔަޓް ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފައެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް 2 ގަޑިއިރެއްހާއިރު ހޭދަވިއިރު، 20 މީހަކު ހައްޔަރުކޮށްފައިވާކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ހޮސްޕިޓަލުގެ މުވައްޒަފުންނާ ދެކޮޅަށް ވަކީލުން ހަރަކާތްތެރިވެފައިވަނީ މިދިޔަ މަހު އެ ހޮސްޕިޓަލުގައި ވަކީލުން ތަކަކަށް އިހާނެތިކޮށް ހިތާފައިވާކަމަށް ބުނެއެވެ. ނަމަވެސް އެންމެ ފަހުން ހިންގި ހޫނުގަދަ ކުރިމަތިލުންތައް ހިންގާފައިވަނީ، ވަކީލުންނަށް ފުރައްސާރައާއި މަލާމާތް ރައްދުވާފަދަ މޭރުމަކުން ޑޮކްޓަރަކު ހަޖޫޖަހާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލި ހިސާބުން ކަމަށް މައުލޫމާތު ލިބެއެވެ.
ހޮސްޕިޓަލުގެ އިދާރީ ދާއިރާއިން މައުލުމާތު ދިން ގޮތުގައި އެ ހޮސްޕިޓަލަށް ހަމަލާ ދީފައިވަނީ 200 އެއްހާ ވަކީލުންގެ ޓީމަކުންނެވެ. ލަޓިބުރިތަކެއް ހިފައިގެން ތިބި ވަކީލުން ހޮސްޕިޓަލު ތެރެއަށް ވަނީ ޗެކްޕޯސްޓްތައް ފަޅަމުން ކަމަށާ، އޭގެ ފަހުން ހޮސްޕިޓަލުގެ އެކި ހިސާބުތަކަށް އެމީހުން ވަދެ ގެއްލުން ދީ ހަމަނުޖެހުން ހިންގި ކަމަށްވެއެވެ. އަދި ނަރުހުންގެ ހޮސްޓަލްއަށްވެސް ވަކީލުން ވަދެ ގެއްލުން ކަމުގެ ނުރަސްމީ ރިޕޯޓްތަކެއް ވަނީކޮށްފައެވެ.
ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ރަޔަޓް ފުލުހުން ހަރަކާތްތެރިވާން ފެށުމުން، މުޒާހަރާގެ ބައެއް ބައިވެރިން ވަނީ، ވައިގެ ތެރެއަށް ބަޑިވެސް ޖަހާފައި ކަމަށް މައުލޫމާތު ލިބެއެވެ.
ކަންމިހެން އޮތްއިރު ޕާކިސްތާނު މީޑިއާވެސް އަރާފައިވަނީ ހޮސްޕިޓަލު ކޮޅަށެވެ. އަދި ފާއިތުވީ އަހަރުތަކުގައި ގާނޫނީ ވަކީލުންގެ ސަބަބުން ޕާކިސްތާނަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށް ޕާކިސްތާނު މީޑިއާއިން ދަނީ ބުނަމުންނެވެ.
ކަންމިހެން އޮތްއިރު މިފަހަކަށް އައިސް ޕާކިސްތާނުގެ ހޮސްޕިޓަލުތަކާ ގުޅިގެން ފެންމަތިވާ ތަފާތު އެކި ކަހަލަ ޝަކުވާތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން އެކަށީގެންވާ ފެންވަރަކަށް ސްޓެރެލައިޒް ކުރުމުގެ ކަންކަން ބެލެހެއްޓެމުން ނުދިއުމުގެ ސަބަބުން މައުސޫމް އެތައް ކުދިންނަކަށް އެޗްއައިވީ އެއިޑްސް ޖެހުމާ، ހޮސްޕިޓަލެއްގައި އެއްމާބަނޑު ދެބެން ވިހޭ އަންހެނެއްގެ އެއް ދަރިފުޅު ވަގަށް ނަގައިގެން ގެންދިޔަ މައްސަލައެއްވެސް ދާދިފަހުން ވަނީ ފެންމަތިވެފައެވެ.