ނިއުޒީލަންޑަށް ދަތުރުކުރާ ފަތުރުވެރިންގެ މެދުގައި މަޝްހޫރު ވައިޓްއައިލަންޑް އަލިފާންފަރުބަދަ، މިދިޔަ ހޯމަ ދުވަހު ގޮވި ހާދިސާއާއި ގުޅިގެން ވީ ނުވީއެއް ނޭނގި އެ ސަރަހައްދަށް ގެއްލިފައިވާ 8 މީހުންގެ ތެރެއިން 6 މީހެއްގެ ހަށިގަނޑު ވައިގެ މަގުން ހިންގި އޮޕަރޭޝަނެއްގައި ނަގައިފިއެވެ.
ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، 6 މީހުންގެ ހަށިގަނޑުވެސް ވައިގެ މަގުން މިހާރު ވަނީ ހަ މެޖެސްޓީޒް ނިއުޒީލަންޑް ޝިޕް (އެޗްއެމްއެންޒީއެސް) ވެލިންގްޓަންއަށް ގެންގޮސްފައެވެ.
މިއަދު ހެނދުނު، ބާރު ސްޕީޑްގައި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ، މި އަލިފާންފަރުބަދަ އަނެއްކާވެސް ގޮވާފާނެ ކަމުގެ ނުރައްކާޓެރި ފުރަސަތު އޮއްވައެވެ.
ނިއުޒީލަންޑްގެ ޖިއޮލޮޖިކަލް ހެޒާޑް އިންފޮމޭޝަން ސައިޓް ޖިއޯނެޓްއިން ބުރާސްފަތި ދުވަހު އިއުލާންކުރި އިންޒާރެއް ބުނާ ގޮތުގައި 24 ގަޑިއިރު ތެރޭގައި ވައިޓްއައިލަންޑް އަލިފާންފަރުބަދަ އަނެއްކާވެސް ގޮވުމުގެ 50-60 ޕަސެންޓް ފުރުސަތެއް އެބައޮތެވެ.
އަލިފާންފަރުބަދަ ހުރި ސަރަހައްދަށް ފަތުރުވެރިން ޒިޔާރަތްކުރަމުންދަނިކޮށް އެ ފަރުބަދަ ގޮވި ހާދިސާގައި 8 މީހަކު މަރުވެ 8 މީހަކަށް ވީ ނުވީއެއް ނޭނގި ގެއްލުނެވެ. މިހާރު އެޗްއެމްއެންޒީއެސް ވެލިންގްޓަންއަށް ގެންގޮސްފައި މިވަނީ މި 8 މީހުންގެ ތެރެއިން 6 މީހެއްގެ ހަށިގަނޑެވެ. މި ހާދިސާގައި ފިހި، ސީރިއަސް ހާލުގައި އޮތް 20 މީހަކަށް އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ގައި ފަރުވާ ދެމުންދާކަމަށް ޚަބަރު ލިބެއެވެ.
މިދިޔަ ހޯމަ ދުވަހު ނުރައްކާތެރި ގޮވުމަކުން އަލިފާންފަރުބަދަ ގޮވިއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 47 މީހަކު އެސަރަހައްދަށް ޒިޔާރަތްކުރަމުންދިޔައެވެ. އޭގެތެރޭގައި އޮސްޓްރޭލިއާއަށް ނިސްބަތްވާ 24 މީހުންނާ، އެމެރިކާގެ 9 މީހުންނާ، ނިއުޒީލަންޑްގެ 5 މީހުންނާ، ޖަރުމަނުވިލާތުގެ 4 މީހުންނާ ޗައިނާ 2 މީހުންނާ، އިނގިރޭސިވިލާތުގެ 2 މީހަކާ މެލޭޝިއާ މީހެއް ހިމެނެއެވެ.