ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނާ މައްސަލައާ ގުޅިގެން އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ހުކުމުގެ ތަންފީޒީ މަރުހަލާ މިއަދު ފެށިފައި ވާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެމަނިކުފާނަށް އަންގައިފިއެވެ.

ސައީދުގެ އާއިލީ ބޭފުޅަކު ވިދާޅުވީ ދެ ހުކުމެއްގެ މުއްދަތު ހަމަވެފައި ވާއިރު، ކަރެކެޝަންގެ މުވައްޒަފުން އައިސް ފޯނުގެ މައްސަލައިގެ ހުކުމް މިއަދު ފެށިފައިވާ ކަން އަންގާފައިވާ ކަމަށެވެ. އަދި ސައީދު މިނިވަންވުމަށް އެއް އަހަރާއި ހަތްމަސް ބާކީ އެބައޮތް ކަމަށްވެސް އަންގާފައިވާ ކަމަށް ކަރެކްޝަނުން ބުނެފައި ވާ ކަމަށެވެ.

އަބްދުﷲ ސައީދުގެ މައްޗަށް ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގެ ދުވަސްވަރުގައި ގިނަ ދައުވާތަކެއް ވަނީ އުފުލާފައެވެ. އޭގެ ތެރެއިން ތިން ދައުވާއެއް ސާބިތުވާ ކަމަށް އޭރު ކޯޓުން ހުކުމް ކުރިއެވެ.

އެއީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި، ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އުފުލި ދައުވާއެއްގެ އިތުރުން ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހުއެވެ.

ސިޔާސީ އެތައް ލީޑަރުންނެއް މިނިވަންކުރުމަށް އަންގާ ނެރެފައިވާ އެ އަމުރު ތަންފީޒުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ދެކޮޅު ހަދާފައި ވާ އިރު ސިފައިން މެދުވެރިކޮށް ސުޕްރީމްކޯޓްގެ ތެރެއަށް ވަދެ އަބްދުﷲ ސައީދާ، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ޖަލުގައި ވަނީ ބަންދުކޮށްފައެވެ.

އޭގެ ފަހުން ދައުވާތައް އުފުލާ، އެ ދައުވާތައް ސާބިތުވުމުން އެ ދެ ބޭފުޅުންގެ މަގާމު ވަނީ ގެއްލިއެވެ. ރައީސް ޔާމީން، ރިޔާސީ އިންތިހާބުން ބަލިވުމާއި ހަމައަށް ދެ ފަނޑިޔާރުންވެސް ތިއްބެވީ ޖަލުގައެވެ. އޭގެ ފަހުން އެ ބޭފުޅުން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައެވެ. އަލީ ހަމީދު ވަނީ މިދިޔަ އޮކްޓޫބަރު މަހު މިނިވަންވެފައެވެ.