އަދުލު އިންސާފާ ބެހޭ ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ)ގައި މިޔަންމާގެ ލީޑަރު އާންގް ސަންގް ސޫޗީއާ ދެކޮޅަށް ހާއްސަ އަޑުއެހުމެއް ކުރިއަށް ގެންދިޔަ ވަގުތާ ދިމާކޮށް، މިޔަންމާގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ 100 އެއްހާ މީހުންނާ ދެކޮޅަށް އެގައުމުން ކުރަމުންދާ ވަރުގަދަ ދައުވާއެއްގެ ޝަރީއަތް ކުރިއަށް ގެންގޮސްފިއެވެ.
މިޔަންމާގައި ރޯހިންޏާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ގަތުލުއާންމު ހިންގާފައިވާކަމަށް ދެކެވޭ ވާހަކަތަކަށް އިންކާރު ކުރައްވާ، އެކަން ދޮގުކުރައްވާ އައިސީޖޭއަށް ސޫޗީ ބަޔާން ދެއްވަމުން ގެންދެވި ވަގުތާ ދިމާކޮށް މިޔަންމާގެ ޕާތީން ސިޓީގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހަށް ރޯހިންޏާ ދަރިކޮޅުގެ މީހުން ހާޒިރު ކުރަމުން ދިޔައިރު، އެމީހުންނާ ދެކޮޅަށް މިޔަންމާއިން ދައުވާ ކުރަމުން ދަނީ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ނެތި އަމިއްލަ ވަޒަން ދޫކޮށް ދާން އުޅުނު ކަމުގެ ކުށުގައެވެ.
މިޔަންމާގެ ރާހީން ސްޓޭޓްގައި ރޯހިންޏާ ދަރިކޮޅުގެ މީހުން ދިރިއުޅެމުންދަނީ ހަރުކަށި ފިޔަވަޅުތަކަކަށް ކިޔަމަންވާންޖެހޭ ހާލުގައެވެ. އެކަށީގެންވާ ސިއްހީ ބޭސްފަރުވާގެ ހިދުމަތާ، ތައުލީމުގެ ފުރުސަތު އެ ސަރަހައްދުގެ ރަށްވެހިންނަށް ލިބެނީ ކިރިއާ ކަމަށްވާއިރު، ދިރިއުޅުމުގެ އާންމު ހާލަތު އިންތިހާއަށް ދަށެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްއިން ސިފަކޮށްފައިވާ ގޮތުގައި މިޔަންމާގެ ރާހީންގައި ހިނގަމުންދަނީ 'އަޕާތީޑް' ދުވަސްވަރު ހިނގާދިޔަ ފަދަ ކަންތައްތަކެވެ.
މިފަދަ ދަތި ހާލަކުން ސަލާމަތްވުމަށް ހުރިހާ އެއްޗެއް ދޫކޮށް، ނުރައްކާތެރި ދަތުރަކަތަށް ރޯހިންޏާ ދަރިކޮޅުގެ މީހުން ރާހީން ސްޓޭޓް ދޫކޮށް ނިކުންނަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ.
ބޯޓާ، ރޭލާ ބަހުގައި ރޯހިންޏާ މީހުން އަނިޔާވެރިކަން ދޫކޮށް އެހެން ހިސާބުތަކަށް ދަތުރުކުރަމުންދާ ބީދައިން ދަތުރުކުރަމުންދަނިކޮށް މިޔަންމާގެ ކަމާ ބެހޭ ފަރާތްތަކުން އެންމެ ފަހުން ހައްޔަރުކުރި 95 މީހުންގެ ތެރޭގައި 25 ކުޑަކުދިންވެސް ހިމެނެއެވެ. މިއިން ކޮންމެ މީހަކީ އުޖާލާ ދިރިއުޅުމެއްގެ އުއްމީދުގައި ފެށި ނާމާން ދަތުރަށް އެތައް ސަތޭކަ ޑޮލަރެއް ހަރަދު ކުރި މީހުން ކަމަށް އެމީހުންގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރި ވަމުންދާ ތަޒީން މިޔަތް މިޔަތް ވީން ވަނީ ފާހަގަކޮށްފައެވެ.
ސޫޗީގެ ބަޔާނާ ދިމާކޮށް އިއްޔެ ޝަރީއަތަށް ހާޒިރު ކުރި 95 މީހުންގެ މައްޗަށް ކުށް ސާބިތު ވެއްޖެ ނަމަ 2 އަހަރު ދުވަހުގެ ޖަލު ހުކުމެއް މިމީހުންގެ މައްޗަށް އަންނާނެއެވެ.
އައިސީޖޭގެ ދައުވާ
މިޔަންމާގެ ރާހީން ސްޓޭޓްގައި 2017 ވަނަ އަސްކަރިއްޔާއިން ހިންގީ ގަތުލުއާންމެއް ކަމަށް ދެބަސްވާނެ މީހަކު އަދު ދުނިޔޭގައި ހުންނާނޭ ބުނަން ދައްޗެވެ.
ނަމަވެސް މިމައްސަލާގައި ސޫޗީއާއި ދެކޮޅަށް އައިސީޖޭގައި ކުރިއަށްދާ ތަހުގީގުތަކަށް ބަޔާން ދެއްވަމުން، އިރެއްގައި މިޔަންމާގެ ޑިމޮކްރަސީގެ ހީރޯގެ ގޮތުގައި މުޅި ދުނިޔެ ބަލައިގަތް އާންގް ސަންގް ސޫޗީ ވަނީ މި ދައުވާއަށް އިންކާރު ކުރައްވާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިނިވަން ވެރިކަމެއް ކުރަމުންދާ މުސްލިމު ގައުމުތަކުގެ ނަމުގައި، މިޔަންމާގެ ސަރުކާރާ ދެކޮޅަށް ގަތުލުއާންމުގެ ދައުވާ އައިސީޖޭގައި އުފުލަން ކެރުނީ ގެމްބިއާއަށް އެކަންޏެވެ.
ގެމްބިއާއިންވަނީ މިޔަންމާގައި މިހާރުވެސް ޖަރީމާ ހިންގަމުންދާކަން ފާހަގަކޮށް އެކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާދިނުމަށް ގޮވާލާފައެވެ.
ރާހީން ސްޓޭޓްގައި މިހާރުވެސް އެތައް ސަތޭކަ ބަޔަކު ތާށިވެފައި އެބަތިއްބެވެ.
ސޫޗީގެ ބަޔާން އިއްވުނު ވަގުތާ ދިމާކޮށް މިޔަންމާއިން އެބަޔަކާ ދެކޮލަށް ޝަރިޔަތް ފެށި ރޯހިންޏާ ދަރިކޮޅުގެ 95 މީހުންގެ މައްސަލާގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން 50 އަށްވުރެ ގިނަ މީހުންގެ މައްޗަށް މިޔަންމާއިންވަނީ ހަމަ މިފަދަ ކަންކަމުގައި ޖަލު ހުކުމް އިއްވާފައެވެ.