މިދިޔަ ހޯމަ ދުވަހު 38 މީހުންނާއެކު ގެއްލުނު ޗިލީގެ އަސްކަރީ މަތިންދާ ބޯޓުގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފެންމަތީގައި އޮޔާ ދެމުންދާތީ ފެނިފައިވާ ކަމަށް ޗިލީގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޗިލީގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މި ބައި ފެނިފައިވަނީ މަތިންދާ ބޯޓާއި އެންމެ ފަހުން ގުޅުނުއިރު ބޯޓު އޮތް ސަރަހައްދާ ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުން ކަމަށެވެ. މި ބައި ފެނިފައިވަނީ ޑްރޭކް ޕެސެޖްގެ ގޮތުގައި ނަންދެވިފައިވާ ހިސާބަކުންނެވެ.

މި މަތިންދާ ބޯޓަށް ވީ ނުވީ އެއް ނޭނގި ގެއްލުނީ ޗިލީގެ ދެކުނުގެ ސިޓީއަކުން ފުރައިގެން، އެންޓާޓިކާގައި އަޅާފައި ހުންނަ އެގައުމުގެ ބޭހަށް ދަތުރުކުރަމުންދިޔަ މަގުމަތީގައެވެ.

ޗިލީ އަސްކަރިއްޔާގެ އެއާފޯސް ކޮމާންޑަރު އެޑުއާޑޯ މޮސްކޭރާ ވިދާޅުވީ ފެނުނު ބަޔަކީ ބޯޓުގެ ފިއުލް ޓޭންކު ސްޕަންޖު ކުރުމަށް ބޭނުންކޮށްފައިވާ ބައިތަކުން ބައެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މިއީ ގެއްލުނު މަތިންދާ ބޯޓުގެ ބައެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް، ވައިގެ އަސްކަރިއްޔާއިން ކުރިއަށް ގެންދާނެކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޗިލީގެ އަސްކަރީ މަތިންދާ ބޯޓު ސީ-130 ހާކިއުލީޒް އަކީ ޗިލީއާއި އެންޓާޓިކާ ބޭސްއާއި ދެމެދު ފަސެންޖަރުންނާ މުދާ އުުފުލާ މަތިންދާ ބޯޓު/ފޮޓޯ: އޭއެފްޕީ

ސީ-130 އަސްކަރީ މަތިންދާބޯޓު ހޯދުމުގެ މަސައްކަތުގައި އާޖެންޓީނާއާއި ބްރެޒީލް އަދި އިނގިރޭސިވިލާތާ އުރުގުއާއިގެ މަތިންދާބޯޓުތައް ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން އިސްރާއީލާ އެމެރިކާއިން ސެޓެލައިޓް ފޮޓޯ ފޯރުކޮށްދޭ ކަމަށް ޚަބަރު ލިބެއެވެ.

ސީ-130 ހާކިއުލީޒް މަތިންދާ ބޯޓަށް ވީނުވީއެއް ނޭނގި ގެއްލުނު އޭގައި ތިބީ 17 ފަޅުވެރިންނާ 21 ފަސެންޖަރެކެވެ. މި މީހުންނަކީ އެންޓާޓިކާގައި އަޅާފައިވާ ޗިލީގެ ބޭސްގައި ހުރި ބައެއް އާލާތްތަކުގެ ފަންނީ މަސައްކަތްތަކެއް ކުރުމަށް އެސަރަހައްދަށް ދަތުރުކުރަމުންދިޔަ މީހުން ކަމަށް މައުލުމާތު ލިބެއެވެ. އާންމުންގެ ޓީމުގައި ދަރިވަރަކުވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.