ނިއުޒީލަންޑްގެ ވައިޓް އައިލަންޑް އަލިފާން ފަރުބަދަ ގޮވި ހާދިސާގައި ސީރިއަސް ޒަހަމްތައް ޒަހަމްތައް ލިބި ފިހިފައި ތިބި މީހުންގެ ފަރުވާއަށް ބޭނުންވާ އިންސާނުންގެ ހަން އިމްޕޯޓް ކުރުމުގެ މަސައްކަތް، އެމީހުންނަށް ފަރުވާ ކުރަމުންދާ ޑޮކްޓަރުން ކުރަމުންދާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އެކި ގޮތްގޮތުން އިންސާނުންގެ ގައިގެ ހަންގަނޑު ފިހިގެން ހަލާކުވުމުން އެމީހެއްގެ ފައިގެ ފަލަމަސްގަނޑު ނުވަތަ ކަންފަތުގެ ފަހަތުން ހަތް ނަގައިގެން އެ ފިހުނު ތަނެއްގައި އަޅައިގެން ދެވޭ ފަރުވާއަކީ ފިހޭ މީހުންނަށް ދޭ އާންމު ފަރުވާއެކެވެ. އެއީ ފިހުނު ތަން އިންފެކްޓްވިޔަ ނުދިނުމަށާ، ލަކުނުލާ މިންވަރު ކުޑަކުރުމަށާ، ތަދު ކުޑަކުރުމަށް ދޭ ފަރުވާއެކެވެ.

ފިހިފައިވާ މީހުންގެ ގައިގައެ މަސްގަނޑު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ގެޓީއިމޭޖަޒް

ކަންމިހެން އޮތް ނަމަވެސް، ގައިގެ އެއްވެސް ތަނަކުން ހަން ނެގޭ ގޮތް ނުވެއްޖެނަމަ ދެން ޖެހެނީ ޑޯނަރުންނަށް ބަރޯސާވާށެވެ. ނިއުޒީލަންޑްގައި ހިނގަނީ މިކަހަލަ ކަމެކެވެ. ޑޯނަރުންގެ ގޮތުގައި ހަން ނަގާނީ މަރުވެފައިވާ ތިބޭ މީހުންގެ ގައިންނެވެ. އެތެރެ ހަށީގެ އެހެން ގުނަވަންތައް ފަދައިން، ޑޯނަރުންގެ ގައިން ނަގާ ހަމަކީ ގިނަ ދުވަހަށް ރައްކާކޮށްފައި ބެހެއްޓޭވެސް އެއްޗެކެވެ. އެހެންކަމުން ހޮސްޕިޓަލުތަކުގައި މި ފަދަ ހަން ބޭންކު ކޮށްފައިވެސް ހުރެއެވެ.

ނިއުޒީލަންޑްގެ ހާލަތު ތަފާތެވެ. އަލިފާން ފަރުބަދަ ގޮވި ހާދިސާގައި ފިހުނު މީހުންނަށް ހޮސްޕިޓަލުގައި ހުރި ހަމުން ނުފިގެން މިހާރު ވަނީ ހަން އިމްޕޯޓްކުރަން ޖެހިފައެވެ.

ނިއުޒީލަންޑްގެ ވައިޓް އައިލަންޑް އަލިފާން ފަރުވަދަ ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން/މައިކަލް ޝޭޑް

ނިއުޒީލަންޑްގެ ސިއްހަތާ ބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި އަލިފާން ފަރުބަދަ ގޮވި ހާދިސާއާއި ގުޅިގެން 4 ހޮސްޕިޓަލެއްގެ އިންޓެންސިވް ކެއާ ޔުނިޓްއާއި ފިހޭ މީހުންނަށް ހާއްސަ ޔުނިޓްތަކުގައި 29 ޕޭޝަންޓަކަށް ދަނީ ފަރުވާ ދެމުންނެވެ. ފިހިފައިވާލެއް ބޮޑުކަމުން 21 މީހަކު އޮތީ ވަރަށް ކްރިޓިކަލް ހާލުގައި ކަމަށްވެސް އެއިދާރާތަކުން މައުލޫމާތު ދެއެވެ.

ނިއުޒީލަންޑްގެ ނޭޝަނަލް ބާންސް ޔުނިޓްގެ މެޑިކަލް އޮފިސާ ޑރ ޕީޓް ވޮޓްސަން ވިދާޅުވީ، މިހާރުން މިހާރަށް ބަލާއިރު އަލިފާން ފަރުބަދަ ގޮވި ހާދިސާއާއި ގުޅިގެން ފިހިގެން ގެނައި ޕޭޝަންޓުންގެ ގައިގައި އެޅުމަށް 1.2 މިލިއަން އަކަ ސެންޓިމީޓަރުގެ ހަން ބޭނުންވެއެވެ. ފިހިގެން ލިބިފައިވަނީ ސީރިއަސް އަނިޔާތަކެއް ކަމަށާ، އެކަން އެހެން ދިމާވީ އަލިފާން ފަރުބަދައިން އެރި ގޭހުގެ ސަބަބުން ކަމަށްވެސް ޑރ ވޮޓްސަން ވަނީ ވިދާޅުވެފައެވެ.

ޑރ ވޮޓްސަން އިތުރަށް ވިދާޅުވީ މިއީ ވަރަށް ދިގުމުއްތަކަށް ފަރުވާ ބޭނުންވާނެ ކަމެއް ކަމަށާ، ބައެއް ޕޭޝަންޓުން މިކަމުގައި އެތައް މަހެއްވެސް ހޭދަކުރަންޖެހޭނެ ކަމަށެވެ.

ކޮސްމެޓިކް ޕްލާސްޓިކް ސާޖަން ޖޯޖް ލިއޯން-ވިއަޕާލޯސް ބުނީ، މިއީ 100 މީޓަރުގެ ރޭހެއް ޖަހާޖެހެން ކުރާ ކަމެއް ނޫންކަމަށާ، މިއީ ތަކުރާރުކޮށް މެރަތަންއެއް ފުރިހަމަ ކުރުން ކަމަށެވެ.

އަލިފާން ފަރުބަދަ ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރު ވަނީ

ވައިޓް އައިލަންޑް އަލިފާން ފަރުބަދަ ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 8 އަށް އަރާފައެވެ. މަރުވި މީހުންގެ އަދަދު އިތުރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް 2 މީހަކު މަރުވުމާއެކުގައެވެ.

މިހާދިސާއަށްފަހު ވީނުވީ އެއް ނޭނގި 8 މީހަކު ގެއްލިފައިވާއިރު މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

ނިއުޒީލަންޑްގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ވައިޓް އައިލަންޑް އަލިފާން ފަރުބަދަ އަދިވެސް އުޅެނީ ވަރަށް ހަރަކާތްތެރިކޮށް ކަމަށާ، ހާލަތު ނުރައްކާ ކަމަށެވެ. އެގޮތުން ކޮންމެ ފަދަ ވަގުތެއްގައިވެސް އެ އަލިފާން ފަރުބަދަ އަނެއްކާވެސް ގޮވާފާނެ ކަމަށާ، މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ރިކަވަރީ ޓީމުގެ މަސައްކަތްތަކަށް ހުރަސް އެޅިފައިވާކަމަށްވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ބަލާބެލުމަށް ވައިޓް އައިލަންޑް އަލިފާން ފަރުބަދަ ހުރި ސަރަހައްދުގައި އެއްވެސް މީހަކު ދިރިހުރި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

=