ބައެއް ޝެއިހުންނަކީ ދުވަހު ކުއްޔަށް ނުވަތަ މަހު ކުއްޔަށް ނެގޭ ބައެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި ވިދާޅުވީ، ދިވެހިން ބައެއް ޝެއިހުން ބަލައި ނުގަންނަނީ، ބައެއް ޝެއިހުންނަކީ ދުވަހު ކުއްޔަށް ނުވަތަ މަހު ކުއްޔަށް ނެގޭ ބަޔަކަށް ވާތީ ކަމަށެވެ. އަދި މިފަދައިން، މުޖުތަމައުގައި އެ ޝެއިހުން ބަލައިނުގަންނަތާ ކިތަންމެ ޒަމާނެއް ވެފައިވާ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.
އިންތި މިހެން ވިދާޅުވީ އެއްވެސް ފަރާތަކަށް ސީދާ ރައްދުވާ ގޮތަކަށް ނޫނެވެ. ނަމަވެސް، ވާދަކުރި އިންތިހާބުތަކުގައިި ޖެހުނީ ސުމެއް ކަމަށް ވިދާޅުވުމުން އެއީ ސިޔާސީ ގޮތުން ހަރަކާތްތެރި ޝެއިހަކަށް އަމާޒުކުރެއްވި ބަހުގެ ހަމަލާއެއްކަން ސާފުވެއެވެ. ބައެއް ފަރާތްތަކުން ދަނީ، މިއީ މިނިސްޓާ އޮފް ހޯމް އެފެއާޒް ޝެއިހް އިމްރާން އަބްދުﷲ އަށް އެއްލެއްވި ގާބުރިއެއް ކަމަށް ތުހުމަތު ކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން ދަނީ މިއީ ޝެއިހް އިލްޔާސް ހުސެއިނަށް ދެއްވި ހަމަލާއެއް ކަމަށް ވެސް ތުހުމަތު ކުރަމުންނެވެ.
މީގެ ކުރިން ވެސް އިންތި ވަނީ، އިލްޔާސަކީ "ފޭކް ޝެއިހް" އެއް ކަމަށް ވިދާޅުވެ، އިލްޔާސަށް މަލާމާތް ކުރައްވާފައެވެ. އެގޮތުން އޭރު އޭނާ އެހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ އިސްތަށިފުޅުގައި ވައްކަމުގެ އިލްޒާމް އަޅުވައި މަޖިލީހުގެ މެންބަރަކު ވާހަކަ ދެއްވެމުމާ ގުޅިގެން އެކަމުގައި އެމްޑީޕީ މެންބަރުން ރައީސް ސޯލިހް ދިފާއު ނުކުރައްވާ ކަމަށް އިލްޔާސް ވިދާޅުވުމާ ގުޅިގެންނެވެ.
އިންތި ވިދާޅުވެފައިވާ ގޮތުގައި ރައީސް ސޯލިހް ވެރިކަމަށް ގެނައީ އެމްޑީޕީން ކުރި މަސައްކަތާ އެކު ކަމަށާއި މި ވެރިކަން ދަމަހައްޓާނީ ވެސް އެމްޑީޕީ ގެ މަސައްކަތުން ކަމަށެވެ. އަދި އިލްޔާސަކީ "ފޭކު ޝޭހެއް" ކަމަށާއި މި ވެރިކަން ގެނައުމުގައި އިލްޔާސް ގެ ދައުރު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ އިލްޔާސް ފިތުނަ އުފައްދަވަން އުޅުއްވާކަމުގެ ތުހުމަތުވެސް ކުރައްވާފައެވެ.