އެމެރިކާގެ ނިއު ޖާޒީގެ ޖާޒީ ސިޓީގައި ގިނަ ވަގުތުތަކަށް ދެމިގެންދިޔަ ބަޑީގެ ހަމަލާ ބަދަލު ކުރުންތަކެއްގައި 6 މީހަކު މަރާލައިފިއެވެ.

އާންމު މުދާ ވިއްކާ ގްރޯސަރީ ސްޓޯއަކާ، ގަބުރުސްތާނެއްގެ ކައިރީގައި ބަދަލުކުރި މި ހަމަލާތަކުގައި މަރުވި 6 މީހުންގެ ތެރޭގައި ފުލުހެއްގެ އިތުރުން، ހަމަލާ ދިނުމުގައި ހަރަކާތްތެރިވި 2 މީހަކުވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

ޖާޒީ ސިޓީގެ ޕޮލީސް ޗީފް މައިކަލް ކެލީ ވިދާޅުވީ ހަމަލާ ދިން މީހުންނާ ފުލުހުންނާ ދެމެދު އެތައް ގަޑިއިރެއް ވަންދެން ހަމަލާ ބަދަލު ކުރަމުންދިޔަ ކަމަށެވެ. އަދި މިއީ ނަފްރަތު އުފެއްދުމުގެ ރޫހުގައި ހިންގި ޖަރީމާއެއް ކަމެއް ނުވަތަ މިއީ ޓެރަރިޒަމްއާއި ގުޅުންހުރި އަމަލެއް ކަމެއް އަދި ސާފުނުވާ ކަމަށްވެސް ކެލީ ވަނީ ވިދާޅުވެފައެވެ.

ކެލީ ވިދާޅުވީ ހަމަލާ ދިން 2 މީހުންވެސް ހަރަކާތްތެރިވީ އެކަނި ކަމަށާ، ގަބުރުސްތާނު ކައިރީގައި ފެށި ހަމަލާ ބަދަލުކުރުންތައް ނިމުނީ ސުޕަމާކެޓެއްގެ ކައިރިން ކަމަށެވެ. ހަމަލާ ދިން 2 މީހުންނާ އާންމުންގެ 3 މީހަކު މަރުވީ ސުޕަމާޓު ތެރޭގައި ކަމަށާ، ފުލުސް އޮފިސަރު ފެނުނީ އޭގެ 1 މޭލު ދުރުން، ހާދިސާ ފެށުނު ގަބުރުސްތާނު ކައިރީގައި އޮއްވާ ކަމަށްވެސް ޕޮލީސް ޗީފް ވަނީ ހާމަކުރައްވާފައެވެ.

މި ހަމަލާ ބަދަލުކުރުމުގައި މަރުވި ފުލުސް އޮފިސަރަކީ 5 ދަރިންގެ ބައްޕައެއް ކަމަށްވާ ޖޯ ސީލްސްއެވެ.