ޗެކް ރިޕަބްލިކްގެ އޮސްޓްރާވާ ސިޓީގައި ހުންނަ ތަމްރީނުދޭ ހޮސްޕިޓަލަކަށް އަމާޒުކޮށް އިއްޔެ ބަޑީގެ ހަމަލާތަކެއް ދީ 6 މީހުންގެ ފުރާނަ ދުއްވާލި ފިރިހެން މީހާ، އޭނާގެ އަމިއްލަ ގަޔަށް ބަޑިޖަހައިގެން މަރުވެފައިވާ ކަމަށް އެގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.

ބަޑީގެ ހަމަލާތަކާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުން މީހަކު ހޯދަން ފެށީ ހޮސްޕިޓަލުގައި ހުރި ކެމެރާތަކުން ލިބުނު މައުލޫމާތުގެ އަލީގައި ކަމަށާ، އޭނާ ހޯދުމުގެ މަސައްކަތުގައި 2 ހެލިކޮޕްޓަރެއް ހަރަކާތްތެރިވި ކަމަށް ސަރަހައްދީ ފުލިހުންގެ އިސްވެރިޔާ ޓޮމަން ކުޒޭލް ވިދާޅުވިއެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ ހެލިކޮޕްޓަރުތަކަށް އޭނާގެ ކާރު ފާހަގަކުރެވުނު ކަމަށާ، ކާރަށް ދިމާލަށް ހެލިކޮޕްޓަރު ތިރިކުރަން ފެށުމުން، އަމިއްލައަށް ބޮލަށް ބަޑިޖެހީކަމަށްވެސް ކުޒޭލް ވަނީ ތަފްސީލުކޮށްދެއްވާފައެވެ.

ޗެކް ރިޕަބްލިކްގެ ހޮސްޕިޓަލަށް ބަޑީގެ ހަމަލާ ދީފައިވަނީ އުމުރުން 42 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ހަމަލާތަކުގެ ޝިކާރައަކަށްވެ 4 ފިރިހެނުންނާ 2 އަންހެނުން މަރުވިއިރު، އިތުރު 3 މީހަކު ވަނީ ޒަހަމްވެފައެވެ. މި ހަމަލާ ދީފައިވަނީ ވަރަށް ކައިރީގައި ހުރެގެން ކަން މިހާރު އެނގުނު ނަމަވެސް، މިއީ ކީއްވެ އޭނާ ކުރި ކަމެއްކަން އަދިވެސް ހޯދިފައެއް ނުވެއެވެ.

ޗެކް ރިޕަބްލިކުގެ ފުލުހުން ބުނާ ގޮތުގައި ހަމަލާ ދިން މީހާއަކީ ބަޑި ގެންގުޅޭ ކަމަށް އެގައުމުގެ ރަސްމީ ދަފުތަރުގައި ލިސްޓުކޮށްފައިވެސް ވާ މީހެއް ނޫނެވެ.