ބައިނަލްއަގުވާމީ ފެންވަރުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދަމުން އަންނަ ނޮބެލް ސުލްހައިގެ އިނާމުގެ ހައްގުވެރިޔާ ކަމަށް އިތިއޮޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދުއާއި އެ އިނާމު ރަސްމީކޮށް ހަވާލުކުރައްވައިފިއެވެ.

ބޮޑުވަޒީރު އަބީ އަހުމަދަށް މި އިނާމް ރަސްމީކޮށް އަރުވާފައިވަނީ އޮސްލޯގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.

އުމުރުފުޅުން އެންމެ 43 އަހަރުގެ ބޮޑު ވަޒީރު އަބީ އަހުމަދަށް މިއަހަރުގެ ނޮބެލް ސުލްހައިގެ އިނާމު އަރުވާފައިވަނީ، އިތިއޮޕިއާއާއި އެރިޓްރިއާ ހަނގުރާމަ ހުއްޓުމަކަށް ގެނެސް ސުލްހަ ކުރުމަށްޓަކައި އޭނާ ކުރެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

ނޮބެލް ސުލްހައިގެ އިނާމާ ރަސްމީކޮށް ހަވާލުވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު އަބީ އަހުމަދު ވިދާޅުވީ، މި އެވޯޑް ބަލައިގަންނަވަނީ އިތިއޮޕިއާއާއި އެރިޓްރިއާގެ ރަށްވެހިންގެ ނަމުގައި ކަމަށެވެ. އަދި ވަކިން ހާއްސަކޮށް، ސުލްހައަށްޓަކައި 'ގުރުބާންވި' މީހުންގެ ނަމުގައި ކަމަށްވެސް ބޮޑުވަޒީރު އަބީ އަހުމަދު ވަނީ ވިދާޅުވެފައެވެ.

ކޮންމެ އަހަރަކުވެސް ނޮބެލް ސުލްހައިގެ އިނާމުގެ ހައްގުވެރިޔާއަށް ރަސްމީކޮށް އެއިނާމު އަރުވަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ އިނާމު އެމީހަކަށް ރަމްޒުކޮށްފައިވާ އެލްފްރެޑް ނޮބެލް 1896 ވަނަ އަހަރު މި ދުނިޔެއާއި ވަކިވި ދުވަހާ ދިމާކޮށެވެ. ނޮބެލް ސުލްހައިގެ އިނާމުގެ ގޮތުގައި ނޮބެލް ސުލްހައިގެ ހަނދާނީ ޑިޕްލޮމާއާއި ރަން މެޑަލްގެ އިތުރުން 945000 ޑޮލަރުގެ ޗެކެއް ލިބެއެވެ.

ބޮޑު ވަޒީރު އަބީ އަހުމަދަކީ ނޮބެލް ސުލްހައިގެ އިނާމު ހާސިލުކުރެއްވި އެންމެ ހަގު ޝަހްސެވެ. އަބީ އަހުމަދު ވަނީ މި އިނާމު ލިބިވަޑައިގަތުމާ ގުޅިގެން މީޑިއާއަށް ބަސްދީގަތުމެއް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މިއާއެކު، ނޮބެލް ސުލްހައިގެ އިނާމާ ގުޅޭ ޕްރެސް ކޮންފްރަންސް މިއަހަރު ވަނީ ކެންސަލްކޮށްފައެވެ.