މިޔަންމާއިން ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރި ރޯހިންޏާ ދަރިކޮޅުގެ އެތައް ސަތޭކަ ހާސް މީހުންނެއް ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ސަރަހައްދުގެ އިން ވަކިކޮށް، އެ ހިސާބުގައި ފެންސް ޖެހުމުގެ އަމަލީ މަސައްކަތް، ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ފަށައިފިއެވެ.

ރޯހިންޏާ ކޭމްޕުގެ އިން ވަކިކޮށް، ފެންސް ޖެހުމުގެ މަސައްކަތް އަމަލީ ގޮތުން ފަށާފައިވަނީ ރޯހިންޏާ އާބާދުގެ ލީޑަރުންނާ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމާއަތްތަކުން އެކަން އެ ގޮތަށް ނުކުރުމަށް ގޮވާލަމުން ދަނިކޮށެވެ.

މިޔަންމާ އަސްކަރިއްޔާގެ ލާއިންސާނީ ޖަރީމާއާއި ގަތުލު އާންމުން ސަލާމަތްވުމަށް 2017 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ބަންގްލަދޭޝްއަށް ހިޖުރަކުރަމުންދިޔަ އެތައް ސަތޭކަ ހާސް ރެފިއުޖީންނަކާ، އޭގެ ކުރިންވެސް ބަންގްލަދޭޝްގައި ދިރިއުޅެމުންދިޔާ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީންނާއެކު މިލިއަނަކަށްވުރެ ގިނަ މީހުން ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގައި ދިރިއުޅެމުންދެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ކޮކްސް ބާޒާރު ސަރަހައްދުގައި ޖަހަމުންދަނީ ނަރުދަލުގެ ފެންސްތަކެކެވެ.

ރެފިއުޖީންނާ ބެހޭ ބަންގްލަދޭޝްގެ ހައި ކޮމިޝަނަރު މެހްބޫބް އައްލާމް ތަލުކްދީރުވެސް ވަނީ މިފަދަ މަސައްކަތްތަކެއް ކުރިއަށްދާކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލު ހާމަކުރެއްވުމަށް އޭނާ ވަނީ އިންކާރު ކުރައްވާފައެވެ.

ބަންގްލަދޭޝްގައި ތިބި ރޯހިންޏާ ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވާލުމަށް މިހާތަނަށް ކުރި މަސައްކަތްތައް ފެއިލްވެފައިވާއިރު، ރެފިއުޖީންގެ ސަބަބުން ބަންގްލަދޭޝްގައި އިންތިހާ ނުތަނަވަސްކަން ވަނީ އުފެދިފައެވެ.

ކަންމިހެން އޮތްއިރު ރެފިއުޖީ ކޭމްޕު ދޫކޮށް އެހެން ހިސާބުތަކަށް ދަތުރުކުރުންވެސް ރޯހިންޏާ ރެފިއުޖީންނަށް މިހާރު ވަނީ މަނާކޮށްފައެވެ. ނަމަވެސް އެމީހުންގެ މިޒާޖު ހުންނަ ގޮތުން މިކަންކަމަށް ކިޔަމަން ނުވެ ރަށުތެރެއަށް އަރަން މަސައްކަތް ކުރެއެވެ. މިކަން ހުއްޓުވުމަށްޓަކައި ބަންގްލަދޭޝްގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ވަނީ ކޮކްސް ބާޒާރު ސަރަހައްދުން ވަދެ ނިކުމެވެން އޮންނަ ސަރަހައްދުތަކުގައި ޗެކް ޕޯސްޓްތައްވެސް ވަރުގަދަކޮށްފައެވެ.

ރެފިއުޖީ ކޭމްޕުތަކުން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާފައިވާއިރު އެމީހުންގެ އަތުގައި ހުރި މޯބައިލް ފޯނުތަކާ ސިމް ކާޑުވެސް ވަނީ އަތުލާފައެވެ. މީގެ ތެރެއިން ބައެއް ރެފިއުޖީން މަކަރާ ހީލަތުގެ ތެރެއިން ބަންގްލަދޭޝްގެ ރަށްވެހިކަން އަންގައިދޭ ކާޑުވެސް ހައްދާފައިވާއިރު، ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ދަނީ އެފަދަ ފަރާތްތަކާއެކު ކޯޓުގައި މުއާމަލާތް ކުރަމުންނެވެ.

މިފަދަ ހާލެއްގައި ބަންގްލަދޭޝް އާއި ރޯހިންޏާ ރެފިއުޖީންގެ ހާލު ހުރިއިރު، ކޭމްޕު ވަށައިގެން ފެންސް ޖެހުމަކީ، ބޮޑު ޖަލަކަށް އެ ސަރަހައްދު ބަދަލުކޮށްލުން ކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަރުދަލާ ގާޑު ޓަވަރުތަކުގެ އަމާޒަކަށް ވާންވީ ހަގީގީ ކުށް ކުރި ޖިނާއީ ކުށްވެރިން ކަމަށާ، ފަހަރެއްގައިވެސް މިޔަންމާގެ އަނިޔާތަކުން ސަލާމަތްވުމަށް ހިމާޔަތަށް އެދި އާދާސް ކުރަމުންދާ މީހުން ނޫންކަމަށްވެސް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރޯހިންޏާ ރެފިއުޖީންނަށް ހިމާޔަތާ ރައްކާތެރި ކަން ފޯރުކޮށްދީގެން ބައިނަލްއަގުވާމީ ފެންވަރުގައި ބަންގްލަދޭޝްއަށް ލިބިފައިވާ މަތިވެރި މަގާމަށްވެސް މިކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމަށް، ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނެއެވެ.

ކަންމިހެން އޮތްއިރު ފާހަގަކުރަންޖެހޭ އަނެއް ކަމަކީ ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ފެންސް ޖަހަމުންދާ ސަރަހައްދަކީ ބަންގްލަދޭޝްގެ އާންމު ރައްޔިތުންގެ ގިނަ ބަޔަކު ދަނޑުބިންތައް ހައްދާ ސަރަހައްދުކަމެވެ. މިއާއެކު، ބަންގްލަދޭޝްގެ އާންމު ރައްޔިތުންގެ ގިނަ ބަޔަކުވެސް 'އަނގަމަތި ހާ ބޮޑު ޖަލުގައި' ވަގުތުތަކެއް ހޭދަކުރަން މަޖުބޫރުވާނެއެވެ.